ހަބަރު

ހަތް މަސްތެރޭ ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.3 ބިލިއަން ހޭދަކޮށްފި

Jul 11, 2019
8

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ހަތް މަސްތެރޭ 1.3 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރާ ހަފުތާގެ ހަރަދާއި އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ހޭދަ ކުރަން ހަތް ބިލިއަން ރުފިޔާ ވަނީ ހިމަނާފައިވެ އެވެ.

ޕީއެސްއައިޕީގެ ހޭދަ 1.3 ބިލިއަން ރުފިޔާގައި އުޅޭއިރު، ސަރުކާރުން މިހާރު ވަނީ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފަށަން ކުންފުނި ތަކަށް ހަވާލުކޮށްފަ އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކާއި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ވެސް ހިމެނެ އެވެ.

ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަަހަރަށް ކަނޑައަޅާފައިވާ 30 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް 11.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އާމްދަނީގެ ގޮތުގައި މިހާތަނަށް ލބިފައިވަނީ 11.5 ބިލިއަން ރުފިޔާ އެވެ.