ހަބަރު

ޖަމްބޯ ބޭގް ވެއްޓުނީ ގުދަނެއްގެ ތެރެއިން

އިއްޔެ ބިދޭސީއަކު މަރުވި ހާދިސާގައި ސިމެންތި ބަސްތާތަކެއް ލާފައި ހުރި ޖަމްބޯ ބޭގު ނުވަތަ ބޮޑު ބަސްތާ ވެއްޓުނީ އުސް އިމާރާތެއްގެ މަތީން ނޫން ކަމާއި އެ ބަސްތާ ވެއްޓުނީ އެ ސައިޓްގައި ހުރި ގުދަނެއްގެ ތެރެއިންކަން އެނގިއްޖެ އެވެ.

އިއްޔެ އެ ހާދިސާ ހިނގީ ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގެ ސެންޓްރަލްޕާކު ކައިރިން ހަދަމުންދިޔަ 11 ބުރީގެ އިމާރާތެއްގެ ވޯކް ސައިޓްގައި ހުރި ސިމެންތި ގުދަނަކުން ބަސްތާ ކަހާލައި ވެއްޓި ބަންގުލަދޭޝްގެ މީހަކު އޭގެ ދަށު ވެގެނެވެ. އޭނާއަކީ އެ ސައިޓްގައި މަސައްކަތް ކުރަމުން އައި މީހެކެވެ. އުމުރުން 24 އަހަރުގެ އެ މީހާއަކީ ހުއްދައާއެކު މަސައްކަތް ކުރަމުން އައި ނޫނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހެއް ކަމެއް ސާފެއް ނުވެ އެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިމެންތި ބަސްތާތަކާއެކު ދާޖަފައިވާ ބިޔަ ޖަމްބޯ ބޭގް ކަހާލާގެން ވެއްޓިފައި ވަނީ ހަދަމުން ދިޔަ 11 ބުރީގެ އިމާރާތާ 15 ވަރަކަށް ފޫޓު ދުރުގައި ޓިނުން ހަދާފައިވާ ގުދަނެއްގެ ތެރެއިން ފަސްވަރަކަށް ފޫޓު މަތިންނެވެ. އަދި އެ ގުދަނުގެ ތެރޭގައި ޖަހާފައިވާ ޖަމްބޯ ބޭގުތަކެއްގެ ތެރެއިން ސިމެންތި ބަސްތާތަކެއް ނަގަން ކުރި މަސައްކަތުގައި ޖަމްބޯ ބޭގެއް ވެއްޓުނު ވަގުތު އޭގެ ދަށުވެ މަރުވި ބިދޭސީ މީހާ ހުރީ ބަސްތާ ކާހަލައިގެން ވެއްޓުނު ދިމާ ތިރީގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގުދަނުގައި އެ ޖަމްބޯ ބޭގްތައް ޖަހާފައިވަނީ އުސްކޮށެއް ނޫނެވެ. ވެއްޓުނު ބަސްތާ ނަގަން އުޅެފައި ވަނީ ފަސް ފޫޓު މަތީންނެވެ.

އިއްޔެ އެ ހާދިސާއާ ގުޅިގެން ފުލުހުން ފުރަތަމަ މައުލުމާތު އާންމު ކުރި އިރު ބުނެފައިވާ ގޮތުން އެމީހާ މަރުވީ ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭ ސެންޓްރަލްޕާކު ކައިރީގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެގެނެވެ. ނަމަވެސް މިއަދު ފުލުހުން ވެސް ވަނީ އެގޮތަށް ބުނެވިފައިވަނީ ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށް ބުނެފަ އެވެ. އަދި މިއަދު ބުނީ އެމީހާ މަރުވީ ސިމެންތި ބަސްތާއެއް ވެއްޓިގެން ނޫން ކަމަށާއި، އެމީހާ މަރުވެފައި ވަނީ ސިމެންތިބަސްތާ ތަކެއް ހުރި ޖަމްބޯ ބޭގެއް އޭނާގެ ބޮލަށް ވެއްޓިގެން ކަމަށެވެ.

ޖާހު އިންވެސްޓްމެންޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނިން އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ އުސޫލާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށާއި އިއްޔެގެ ހާދިސާ ހިނގާފައިވަނީ ސަލާމަތީ ކަންކަން ފޭލިވެގެން ނޫން ކަމަށާއި ހާދިސާގެ ހަބަރުތައް މީޑިއާގައި ރިޕޯޓްވި ގޮތުން ކަން ބޮޑުވާ ކަމަށެެވެ. އަދި ބުނީ އެ ހާދިސާގެ ތަހުގީގެއް ހިނގަމުންދާތީ އިތުރު މައުލޫމާތު މިވަގުތަށް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

މި ހާދިސާ ހިނގި އިރު މިދިއަ ޑިސެމްބަރު މަހުގެ ތެރޭ މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތީން ސިމެންތި ބަސްތާއެއް ބަންގްލަދޭޝްގެ ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ވެއްޓި މަރުވެފައި ވެއެވެ. އަދި އޭގެ ފަހުން އިމާރާތްކުރާ ސައިޓްތަކުގެ އިންސްޕެކްޝަންތައް ވެސް ހިންގާފައި ވަނިކޮށް އިމާރާތް ކުރުމުގެ ތެރޭގައި ތަފާތު ގިނަ ނުރައްކާތެރި ހާދިސާތައް ހިނގާފައި ވެއެވެ.