ބޭރު ކުޅިވަރު

އިންޑިއާގެ ޗެންނާއިޔަން ޓީމު ފަރިތަކުރަން އިޓަލީ އަށް

Jul 25, 2015

އިންއަން ސުޕަ ލީގުގައި ވާދަކުރާ ޗެންނާއިޔަން އެފްސީން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އިޓަލީގައި ފަރިތަކުރަން ނިންމައިފި އެވެ.

ޑިސެމްބަރު 20ގައި ފަށާ މުބާރާތަށް ތައްޔާރުވާން އިޓަލީގެ ޕްރޫޖިއާގައި މި ޓީމު ފަރިތަކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ޓީމުގެ ކޯޗު އިޓަލީގެ މާކޯ މަޓެރާޒީ އެވެ.

އޭނާ ބުނީ ހުސްވި ސީޒަނަށް ހިލާފަށް މި އަހަރުގެ މުބާރާތަށް ދުރާލައި ތައްޔާރުވާން ޖެހޭ ކަމަށާއި ހާއްސަކޮށް ރަނގަޅު ފެންވަރެއްގެ ޕްރީސީޒަން ޓްރޭނިން ހަދަންޖެހޭ ކަމަށެވެ.

"ޕްރީ ސީޒަނަކީ ކޮންމެ ފުޓްބޯޅަ ޓީމަކަށް ވެސް ވަރަށް މުހިންމު އެއްޗެއް ކާމިޔާބީ ހޯދުމަށް. މިދިޔަ އަހަރު މިކަމެއްވެސް ނެތް އިރު އަހަރުމެންނަށް އުނދަގޫވި ތައްޔާރުވާން. އެކަމަކު ބައިބަރު އިންޖަރީތަކާއެކު ވެސް ޓީމު ދެއްކި ކުޅުމަށް އެންމެންވެސް ތިބީ ހިތްހަމެޖެހިފައި.

ޕެރޫޖިއާގައި ތަމްރީނު ހަދަން ހުރި ފެސިލިޓީސްތަކާއި މާހައުލާއި ލިބެންހުރި ހިދުމަތްތައް ވެސް ވަރަށް ފުރިހަމަވާނެ. މިއީ އަހަރުމެންގެ ތައްޔާރީތަކުގެ ފެށުން،" 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީގެ ޓީމުގެ ޑިފެންޑަރު ބުންޏެވެ.

ޗެންނާނީ އެފްސީ އަކީ އިންޑިޔާގެ މަޝްހޫރު ފިލްމީތަރި އަބީޝެކް ބައްޗަންގެ ހިއްސާ އޮންނަ ކުލަބެކެވެ. މި ޓީމުން މިހާރު ވަނީ މިދިޔަ ސީޒަނުގައި ކުޅުނު މުހިންމު ކުޅުންތެރިން ކަމަށްވާ ބްރެޒިލްގެ އެލާނޯ އާއި އިންޑިޔާގެ ގޯލްކީޕަރު ކަރަންޖީރު ސިންގް ފަދަ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްފަ އެވެ.