ހަބަރު

އިއާދަކުރަނިވި ހަކަތައާބެހޭ ވޯކޮޝޮޕެއް ފަށައިފި

އެންވަޔަރަމެންޓް މިނިސްޓްރީއާ ޖަޕާންގެ ސަރުކާރާ ގުޅިގެން ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މެކޭޒިނަމްގެ މަސައްކަތު ބައްދަލުވުމެއް މިއަދު މާލޭގައި ފަށައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ފެށި ޖޮއިންޓް ކްރެޑިޓިން މެކޭނިޒަމް (ޖީއެސްއެމް) ގެ ބައްދަލުވުން ފައްޓަވައި ދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝިދު ހަސަނެވެ. ޖީއެސްއެމަކީ ތެލަށްވުރެ އަގު ހެޔޮކޮށް ލިބެން ހުންނަ އިޔާދަކުރަނިވި ވަސީލަތްތައް ހެޔޮ އަގުގައި ފަސޭހައިން ރާއްޖޭގައި ބޭނުން ކުރުމަށް މަގުފަހި ކުރުމަށް ތައްޔާރު ކުރެވިފައިވާ މެކޭނިޒަމެކެވެ.

މި ބައްދަލުވުމުގައި 50 މީހަކު ބައިވެރިވެ އަށް ސެޝަން ކުރިޔަށް ގެންދާނެ އެވެ. ބައްދަލުވުމުގައި ސެޝަންތައް ނަގައިދެނީ ޖަޕާނާއި ރާއްޖޭގެ ތަޖުތިބާކާރުންނާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ބައެއް ބޭފުޅުންނެވެ.

މި މެކޭނިޒަމްގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއުތަކުން ލިބޭ ކާބަން ކްރެޑިޓް ލިބޭނީ ދެ ފަރާތް އެއްބަސްވާ އުސޫލެއްގެ މަތީންނެވެ. މިއިން ރާއްޖެއަށް ލިބޭނެ ފައިދާއަކީ ކާބަން މަދު ކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް ރާއްޖެއަށް ތައާރަފުކޮށް ތެޔޮ ބޭނުން ކުރެވޭނޭ މިންވަރު މަދުކުރެވުމެވެ.