ބޭރު ކުޅިވަރު

ބަޔާން މިއުނިކުގައި ސްޕެއިންގެ ކުލަ ގަދަވާތީ ކުރީގެ ކޯޗު ރުޅިގަދަވެއްޖެ

Jul 25, 2015

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ސްޕެނިޝް ބަހުން ވާހަކަ ދައްކާ ކުޅުންތެރިން ގެނައުން އިތުރުވާތީވެ މި ޓީމުގެ ކުރީގެ ކޯޗު ސްވިޒަލޭންޑްގެ އޮޓޮމާ ހިޒްފެލްޑް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އޭނާ ބުނީ ބަޔާން މިއުނިކްގެ ކޯޗުކަމާ ސްޕޭނުގެ ޕެފް ގާޑިއޯލާ ހަވާލުވި ފަހުން ޓީމުގައި ޖަރުމަނުވަންތަކަން ކުޑަވަމުން އަންނަ ކަމަށެވެ.

"ބަޔާނުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ އަދި ވަރަށް ބޮޑަށް އިސްކަންދޭންޖެހޭނެ ޖަރުމަނު ބަހަކީ އެކުލަބުގެ އެއްވަނަ ބަހުގެ ގޮތުގައި ބާއްވަން. ސްޕޭން ބަހެއްނޫން (އެއްވަނަ ބަހަކަށްވާންޖެހޭނީ). މިހާރު މި އަންނަނީ މުޅިން އާ ޓްރެންޑެއް. މިކަމަށް ފަރުވާތެރިވާންޖެހޭނެ. މީގެ ކުރިން ބަޔާނުން އިސްކަންދެނީ ޖަރުމަނުގެ އެންމެ މޮޅު ކުޅުންތެރިން ލައްވައި ސޮއިކުރުވަން. މިހާރު އެކަން ބަދަލުވަމުން އަންނަނީ،" ހިޒްފެލްޑް އޭނާގެ ހިޔާލު ފާޅުކުރި އެވެ.

ބަޔާނުގައި ކޯޗު ޕެޕް ގާޑިއޯލާއާއެކު ސްޕޭން ބަހުން ވާހަކަ ދައްކާ ފަސް މީހުން އެބަތިއްބެވެ. އެއީ ޑިފެންޑަރު ހާވިއާ މާޓިނޭޒާއި ހުއާން ބާނާޓް އަދި މިޑްފީލްޑަރު ޒަބީ އަލޮންސޯ އާއި ތިއާގޯ އަލްކަންޓްރާ އެވެ. މީގެ އިތުރުން މިހާރު ގެނައުމަށް ނިންމާފައިވާ ޗިލީގެ އަރްތޫރޯ ވިޑާލް ވެސް ވާހަކަ ދައްކަނީ ސްޕޭން ބަހުންނެވެ.

މި ކުޅުންތެރިން ތިބިއިރު ގާޑިއޯލާ ވަނީ ފާއިތުވެދިޔަ 17 އަހަރު އެކުލަބަށް ކުޅެދިން ވައިސް ކެޕްޓަން ބަސްޓިއަން ސުވައިންސްޓައިގާ ވެސް މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލައިފަ އެވެ.

މީގެ އިތުރުން ކޯޗާމެދު ނުތަނަވަސްކަން އުޅޭތީވެ ޖަރުމަނުގެ ކުޅުންތެރިން ކަމަށްވާ ފޯވަޑް ތޯމަސް މުލާ ޔުނައިޓެޑަށް އަދި މިޑްފީލްޑަރު މާރިއޯ ގޮޓްޒާ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވާން އުޅޭކަމަށް ވެސް މީޑިޔާތަކުން ބުނެ އެވެ.