އުމަރު ނަސީރު

ޖަލްސާ ބާއްވަން އުމަރަށް ހުއްދަ ދީފި

ނޮވެމްބަރު 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމާލާގައި އިސްކޮށް ހުރި ބާޣީ އަބްދުﷲ ލުތުފީ އަނބުރާ މާލެ ގެނެސް ޖަލަށް ލުމުން އެކަން ފާހަގަ ކުރަން ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވާ ޖަލްސާއަށް ކާނިވާ ސަރަހައްދުގައި ދީފި އެވެ.

ބާޣީ ލުތުފީ އަނބުރާ ރާއްޖެ ގެނެސް ޖަލަށް ލުމުން މާދަމާ ރޭ ޖަލްސާއެއް ބާއްވަން އުމަރު ވަނީ ޕްލޭނިން މިނިސްޓްރީގައި ހުއްދައަށް އެދިފަ އެވެ. ނަމަވެސް އޭނާ ހުއްދަކަށް އެދުނު އިރު ކުރިން އެހެން ފަރާތަކަށް އޮތީ ކާނިވާ ސަރަހައްދު ދޫކޮށްފަ އެވެ. އެހެންވެ އުމަރުގެ ޖަލްސާ ބާއްވަން ހުއްދަ ދިނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއަށެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު އުމަރަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ރޭ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު އުމަރަށް ދޫކޮށްފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ އުމަރުގެ ޖަލްސާ ބާއްވާ ވަގުތު އެ ސަރަހައްދާއި ޖަލްސާގައި އެއްވެސް ކަހަލަ ހަމަޖެހުމެއް ނުހިންގުމަށާއި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުހިންގަން އެދިފަ އެވެ. އަދި ހަމަނުޖެހުމެއް ހިންގައިގެން ގެއްލުމެއް ލިބިއްޖެނަމަ، ޒިންމާވާން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.