ހަބަރު

"އަނިޔާވެރިކަން ނިންމަން އައި ސަރުކާރުން އެންމެ ބޮޑު އަނިޔާވެރިޔާ ފޮރުވީ"

އަނިޔާވެރިކަމަށް ނިމުން ގެންނަން ބުނި ސަރުކާރުން ރާއްޖެ ދުށް އެންމެ ބޮޑު އަނިޔާވެރިޔާ އަދި ޓެރަރިސްޓް އަބްދުﷲ ލުތުފީ ފޮރުވައި އޭނާއަކީ ސާފު މީހެއް ކަމަށް ދައްކަން ތަކުރާރުކޮށް މައްސަކަތް ކުރަމުން ގެންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ހަމަލާގެ އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނިކޮށް، އޭނާ އަނބުރާ ޖަލަށް ގެންދަން ކުރި މަސައްކަތް ކާމިޔާބުވެފައި ވާތީ އެކަން ފާހަގަ ކުރަން އުމަރު ނަސީރު އިސްވެ މިރޭ ވަނީ ސަލްސާ ރޯޔަލްގައި ޖަލްސާ އެއް ބާއްވާފަ އެވެ.

ޝިއާރެއްގެ ގޮތު "19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" ހަމަޖައްސައިގެން ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ، އަނިޔާވެރިކަމަށް ނިމުން ގެންނަން އައި ސަރުކާރުން ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ބޮޑު އަނިޔާވެރިޔާ އަދި އެންމެ ބޮޑު ޓެރަރިސްޓު ދިވެހި އެމްބަސީ ތެރޭ ދޮޅުމަސް ވަންދެން ފޮރުވައިގެން ގެންގުޅެމުން ދިޔަ ކަން ފަޅާ އަރުވާ ނުލެވުނު ނަމަ ސްރީލަންކާގެ ކޮލަމްބޯގެ މިހާރު އޮތް މާހައުލު ފިނިވުމުން މި ސަރުކާރުން ލުތުފީ ފިލުވާނެ ކަމަށެވެ.

"މި ރާއްޖޭގެ ފަހުގެ ތާރީހެއްގައި އަޅުގަނޑުމެން ދުށް އެންމެ ވަަރުގަދަ އުދުވާނީ ހަމަލާ އަޅުގަނޑުމެންނަށް ތިނެއް ނޮވެމްބަރުގައި ދިނީ... އެކަމަކު އަނިޔާވެރިކަމަށް ނިމުމެއް ގެންނާނަމޭ ބުނެފައި އައި ސަރުކާރުން އަޅުގަނޑުމެންނަށް ފެނުނީ ދިވެހިރާއްޖެ މިހާ ހިސާބަށް ދުށް އެންމެ ބޮޑު އަނިޔާވެރިޔާ، އެންމެ ބޮޑު ޓެރަރިސްޓް އަދި މި ގައުމުގެ މިނިވަންކަން ގެއްލޭ ފަދަ އަމަލެއް ކޮށްގެން ހުރި މީހާ އަޅުގަނޑުމެންގެ އަމިއްލަ އެމްބަސީގައި ފޮރުވައިގެން ގެންގުޅުނު މަންޒަރު،" އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ވިދާޅުވީ ދިވެހި ސަރުކާރުން ލުތުފީ ހައްޔަރު ކުރަން އެދި އިންޓަނޭޝަނަލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް ދިވެހި ދައުލަތުގެ އެމްބަސީއެއްގައި އޭނާ ފޮރުވައިގެން ގެންގުޅުނު ކަމަށާއި އަދި، ލުތުފީ ހައްޔަރު ކުރަން މަޖުބޫރުވީ ލަންކާގެ މާހައުލު ގޯސްވެފައި އޮތުމުން ކަމަށެވެ.

"އަޅުގަނޑުމެން އެކަން ފަޅާ އަރުވާ ނުލި ނަމަ. ލުތުފީ ނެރެ ދޫކޮށްލާނެ، ކޮޅުނބުގެ މާހައުލު ފިނިވެލާ އިރަށް. ކޮޅުނބުގެ މާހައުލު ހޫނު ގަދަ ކަމުން... އެތާނގައި ސިފައިން ނިކުމެ މީހުންތައް ހޯދަމުން ދާތީ މަޖުބޫރުވީ،

އުމަރު ވިދާޅުވީ ލުތުފީއަކީ ސާފު މީހެއް ކަމަށް ދައްކަން އެކި ފެންވަރުގައި އެކި ފެންވަރުގެ ވެރިން މި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރާ ކަމަށާއި މާ ގިނަ ދުވަހެއް ނުވެ ކޮންމެވެސް ވާހަކައެއް ދައްކައި ޖަލުން ނެރެ ސަރުކާރުން ލުތުފީ ގެއަށް ބަދަލު ކުރާނެ ކަމަށާއި އޭނާ ފިލުވާނެ ކަމަށެވެ.

"ހަމަ ލަހެއް ނުވެ ކޮންމެވެސް ވާހަކައެއް ދައްކާފައި އޭނާ ގެއަށް ބަދަލު ކުރާނެ. ޖަލަކު ނުބަހައްޓާނެ ލުތުފީ އެއް. ސަބަބަކީ މިއީ ތިމާގެ މީހުންނާއި ޅިޔަނުންނާއި ކޮއްކޮއިން މި މީހުން މިއުޅެނީ މިކަމުގެ ތެރޭގައި،"

މި ސަރުކާރުގެ އިސްވެރިން ނޮވެމްބަރު ތިނެއްގެ ވާހަކަ ކަންބޮޑުވެގެން ނުދައްކާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައިވެސް ނޮވެމްބަރު ތިނެއްގެ ވާހަކަ ދައްކަނީ ދިވެހި ސިފައިންގެ އަގު ވެއްޓޭ ފަދަ ގޮތަށް ކަމަށް އުމަރު މިރޭ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މި ސަރުކާރުން ނޮވެމްބަރު ތިނެއް ފާހަގަވެސް ނުކުރާނެ ކަމަށެވެ.