ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބޭރުގައި ފިލައިގެން އުޅެނިކޮށް އަލުން ރާއްޖެ ގެނެސް ޖަލަށް ގެންދިއުމުގެ އުފަލުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ބާއްވަން އުޅުނު ޖަލްސާ އަނެއްކާ ވެސް ފަސްކޮށްފި އެވެ.
ޖެނުއަރީ 2016 ގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން މިދިޔަ ނުވަ އަހަރު ލުތުފީ ލަންކާގައި ފިލައިގެން އުޅުމަށް ފަހު މިދިޔަ މެއި މަހުގެ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަނެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އަނބުރާ ރާއްޖެ ގެނެސް މާލެ ޖަލަށް ލީ މި މަހުގެ ނުވަވަނަ ދުވަހުގެ ރެ އެވެ.
އެ ކަން ފާހަގަކުރުމުގެ ގޮތުން "19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" ނަމުގައި ޖަލްސާއެއް ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އުމަރު ވަނީ މިދިޔަ ހަފުތާގައި ޕްލޭނިން މިނިސްޓްރީގައި އެދިފަ އެވެ. އަދި އެ މިނިސްޓްރީން ވަނީ މިރޭ އެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފަ އެވެ.
އެހެން ނަމަވެސް އުމަރު މިއަދު ވިދާޅުވީ މިރެއާއި ކުރިއަށް އޮތް ދެ ދުވަހުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެ ޖަލްސާ މިރޭ ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި އެ ޖަލްސާ ދެން އޮންނާނީ މި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރެ އެވެ.
މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު ލަންކާގެ އެމްބަސީއަށް ލުތުފީ ހާޒިރުވި ނަމަވެސް ދިވެހި ސަރުކާރުން އެ ކަމެއް ފުރަތަމަ ހާމައެއް ނުކުރެ އެވެ. އެމްބަސީގައި ލުތުފީ އުޅޭ ކަން ސޯޝަލް މީޑިއާގައި ފަޅާ އަރުވާލީ އުމަރު ނަސީރެވެ. އެމްބަސީގައި ލުތުފީ ހުރި ކަމަށް ސަރުކާރުން އާންމު ކުރީ ވެސް އޭގެ ފަހުންނެވެ. އޭރު ލުތުފީ ގެނައުން ލަސްވީ ބައެއް ލިޔެކިޔުންތައް ހަމަނުވުމުން ކަމަށް ސަރުކާރުން ބުންޏެވެ.