ހަބަރު

ލުތުފީއާމެދު އަމަލު ކުރާ ގޮތް ހާމަކުރަން އިދިކޮޅުން ގޮވާލައިފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީއާ މެދު ސަރުކާރުން މިހާރު އަމަލު ކުރަމުންދާ ގޮތް ހާމަ ކުރަން ކަމަށް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ގޮވާލައިފި އެވެ.

ޕީޕީއެމާއި ޕީއެންސީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ލުތުފީ އަނބުރާ ރާއްޖެ ގެނެސް އޭނާއާމެދު ސަރުކާރުން މިހާރު އަމަލު ކުރާ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

"ސަރުކާރުން އެބަޖެހޭ ލުތުފީ ހުރީ ކޮންތާކުތޯ ސާފުކޮށްދޭން. ސަރުކާރުން އެބަޖެހޭ ދިވެހި ރައްޔިތުންނަށް އެކަން ކިޔައިދޭން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ލުތުފީ އަނބުރާ ރާއްޖެ ގެނައި ނަމަވެސް އޭނާއަށް ހަރުކަށި ފިޔަވަޅެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސޭހަފުޅު ނުވާނެ އެވެ. އަދި ވިދާޅުވީ ލުތުފީއާ މެދު ހަރުކަށި ފިޔަވަޅެއް އަޅައިފިނަމަ ރައީސަށް އަވާހަރަފުޅުލައްޕަވަން ދަތިފުޅުވާނެ ކަމަށެވެ.

އެތައް ބަޔަކު ޝަހީދުކޮށްލި ހަމަލާގައި އިސްކޮށް ހުރި ބާޣީއަކަށް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ހިމާޔަތް ދެވިގެން ނުވާނެ ކަމަށާއި އެމްބަސީގައި ލުތުފީ ރައްކާކޮށްގެން އުޅުނު މައްސަލަ މި ސަރުކާރުން ބަލަން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ލުތުފީގެ މައްސަލާގައި މުޅި މި ސަރުކާރު އޮތީ ފޭލިވެފަ އެވެ.

"ލުތުފީއަށް ދައުލަތުގެ މުއައްސަސާއެއްގައި ހިމާޔަތް ދެވިގެން ނުވާނެ. އެ ވަރުގެ ހާއިނަކަށް ދައުލަތުން ހަރަދުކޮށްގެން ވީއައިޕީ ފެންވަރުގައި ބެހެއްޓޭނީ ކޮންމެ ވެސް މީހެއްގެ ނުފޫޒުން. ސަރުކާރުން އެބަ ޖެހޭ މި އަމަލު ހިންގި މީހުންނާ މެދު ފިޔަވަޅު އަޅަން" އަދުރޭ ވިދާޅުވި އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ލުތުފީ ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގަ އެވެ. އޭގެ ފަހުން ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގަ އެވެ. ނަމަވެސް މިިދިޔަ މަހުގެ ފުރަތަމަ ދުވަހު ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފަ އެވެ.

ބާޣީ ލުތުފީ އެމްބަސީގައި ހުންނަތާ ދެ މަސް ދުވަސް ވީއިރު ވެސް ސަރުކާރުން އެކަން ހާމަ ނިކޮށް ސިއްރުކޮށްފައި ވަނިކޮށް އެކަން ފަޅާ އަރުވާލީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.