ހަބަރު

ރައްޔިތުން ނުކުމެ ރައީސް ސޯލިހު ވެރިކަމުން ދުރުކުރަން ވެއްޖެ: އަދުރޭ

އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކަށް ފިޔަވަޅު އެޅިފައި ނުވާތީ އާއި، ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އެއްވުންތަކަށް ސަރުކާރުން ހުރަސް އަޅާފައިވާތީވެ، ރައްޔިތުން ނުކުމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ދުރުކުރަން ޖެހިފައިވާ ކަމަށް ކޮންގްރަސް ޕާޓީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ނަސްރުގެ ދުވަސް ފާހަގަ ކުރަން އިދިކޮޅު ޕީޕީއެމް އާއި ކޮންގްރަސް ޕާޓީގެ ކޯލިޝަނުން އެއްވުމެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކުރަން އެދުނެވެ. ނަމަވެސް މިރެއަށް އެ ސަރަހައްދު ދޫކުރެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އެންގުމުން އެއްވުން ބޭއްވީ ޕީޕީއެމްގެ އޮފީސް ކުރިމަތީގަ އެވެ.

ޕީޕީއެމްގެ އޮފީސް ކައިރިއަށް މީހުން ޖަމާވާން ފެށުމުން ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދަށް ގޮސް، އާޓިފިޝަލް ބީޗާވީ ދިމާއަށް މީހުން ދުރަށް ޖެއްސި އެވެ. ޕީޕީއެމްގެ އޮފީސް ކައިރިއަށް މީހުން ނުވަދެވޭ ގޮތަށް މަގު ހުރަހަށްވާ ގޮތަށް އެ ސަރަހައްދު ބަންދުކުރި އެވެ. އެ އެއްވުމުގެ ތެރެއިން ފުލުހުންނަށް ނުކިޔަމަންތެރިވި 12 މީހަކު ހައްޔަރު ކުރި އެވެ. އެ މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން އެއްވުން ރޫޅާލުމުން، ޕީޕީއެމްގެ އޮފީހުގައި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ކޮންގްރަސް ޕަޓީގެ ރައީސް އަދުރޭ ވިދާޅުވީ އެ ކޯލިޝަނުން ސުލްހަވެރިކަމާއެކު އެއްވެ ތިއްބައި ފުލުހުން ގޮސް އެއްވުން ރޫޅާލުމުން އެ ކަން ކުށްވެރިކުރާ ކަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަކުރަން ބޭނުމެއް ނުވެ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ރައީސް އިިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް އުދުވާނީ ހަމަލާ ދިން މީހުންނާ އާއިލީ ގޮތުން އޮންނަ ގުޅުން ކަމަށެވެ.

"ކީއްވެގެންތޯ މިރޭ މި ބައްދަލުވުން ބާއްވަން ދެކޮޅު ހަދަންވީ، އަޅުގަނޑުމެން އުޅުނީ ސަރުކާރާ ދެކޮޅަށް މުޒާހާރާއެއް ކުރާކަށް ނޫން، އަޅުގަނޑުމެން ބޭނުންވީ ނަސްރު ދުވަސް ފާހަގަ ކުރަން، އެ ކަމަށް ކާނިވާ ސަރަހައްދު ދޫކުރަން އެދުނިން، އެކަމަކު ކާނިވާ ސަރަހައްދު އެ ކަމަށް ދޫކުރަން ނުކުރެމުން އެބަ ސާފުވޭ މި ސަރުކާރުން އެ އަޑު އަހަން ބޭނުން ނުވާ މިންވަރު،" އަދުރޭ ވިދާޅުވި އެވެ.

އޭގެ އިތުރުން އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލާގައި އެ ޖަމިއްޔާއަށް ފިޔަވަޅު ލަސްވަނީ ސަރުކާރަށް ފިޔަވަޅު އަޅަން ނުކުރޭތީ ކަމަށް އަދުރޭ ވިދާޅުވި އެވެ. ހަމަ އެ ސަބަބަށްޓަކައި ވެސް ރައީސް ސޯލިހް މަގާމުގައި ކުޑަހިނދުކޮޅަކަށް ވެސް ބެހެއްޓިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމަކީ އާާދައިގެ މައްސަލައެއްގެ ގޮތުގައި ދިވެހި ރައްޔިތުން ނަގައިގެން ނުވާނެ ކަމަށެވެ. މީގެ ކުރިން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ލިޔުމަކުން ދިވެހިންގެ ދީނީ އަގީދާއަކަށް ބަދަލެއް ނާންނާ ކަމަށް ވިދާޅުވެފައިވާ ކަން އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ އެއީ އާދައިގެ ލިޔުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވީ ކަމަށެވެ.

"ރިޕޯޓްގައި ވަނީ ﷲ ގެ ކުޅަދުންވަންތަކަމާއި ރަސޫލާގެ މުއުޖިޒާތްތަކާ މެދު ސުވާލު އުފައްދާފައި، މިއީ އާދައިގެ ރިޕޯޓަކަށް މީނަ (ރައީސް ސޯލިހް) ހެދީމާ ރައްޔިތުން އެބަ ޖެހޭ ނުކުމެ ވެރިކަން މީނަ ބާލަން، ވެރިކަމުގެ އެންމެ ހިނދުކޮޅަކަށް ވެސް އިބްރާހިމް މުހައްމަދު ސޯލިހް ބަހައްޓައިގެން ނުވާނެ،" އަދުރޭ ވިދާޅުވި އެވެ.

ސަރުކާރުގެ އަމިއްލަ އިހްތިޔާރުގައި އެއްވެސް ކަމެއް ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް އަދުރޭ ވިދާޅުވި އެވެ. އެ ގޮތުން ބޭރުގެ ބައެއް ޖަމިއްޔާތަކުގެ ފިއްތުންތައް ސަރުކާރަށް އޮންނަ ކަމަށާއި އެ ފިއްތުންތަކާ ހެދި އެމްޑީއެންއަށް ފިޔަވަޅެއް އަޅަން ނުކުރެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު އަބަދުވެސް މުޒާހަރާ ދެކެ "ބިރު ގަންނާނެ" ކަމަށެވެ. އެއީ ސަރުކާރަށް ގޮވާލައި ކަންކަން ސަރުކާރުން ކުރަން ދެން އިދިކޮޅުގެ ހަރަކާތް ނުހުއްޓޭނެ ކަން އެމްޑީޕީން މީގެ ކުރިން ވެސް ތަޖުރިބާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މުޒާހަރާ ކުރަން ފަށައިފިއްޔާ ހުއްޓާނެ ބައެއް ނޫން، ކޮޅެއްގައި ޖެހުނީމަ ނިންމާނީ. އެމްޑީޕީއަށް އެނގޭތީވެ ބިރު ގަންނާނީ. އަބްދުﷲ ގާޒީ ހައްޔަރު ކޮށްގެން އަޅުގަނޑުމެން ފެށި މުޒާހަރާ ނިންމާލީ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއާ ހަމައަށް." އަދުރޭ ވިދާޅުވި އެވެ.