އިދިކޮޅު ސިޔާސީ ޕާޓީގެ އޮފީސް ބަންދުކޮށް ލީޑަޝިޕް ހައްޔަރު ކޮށްގެން ސަރުކާރުތެރޭ ހުރި މައްސަލަތައް ހައްލު ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މުޒާހަރާ ކުރާނަމަ ހުއްޓުވާނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފައިވަނިކޮށް މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން އިދިކޮޅު ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވައެވެ. އަދި ޕީއެންސީގެ ނާއިބު ރައީސް ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލު އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ވަނީ ހައްޔަރުކޮށްފައެވެ.
ރައީސް ވަހީދު ވަނީ ހައްޔަރުކޮށްފައިވާ ހުރިހާ އެންމެން ދޫކޮށްލަން ގޮވާލައްވާފައެވެ. އަދި އިދިކޮޅު ސިޔާސީ ޕާޓީގެ އޮފީސް ބަންދުކޮށް ލީޑަޝިޕް ހައްޔަރު ކޮށްގެން ސަރުކާރުތެރޭ ހުރި މައްސަލަތައް ހައްލު ނުވާނެ ކަމަށް ވިދާޅުވިއެވެ.
ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުވެސް ވަނީ މިއަދުގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައްވާފައެވެ.
"އަނިޔާ ކުރުން ހުއްޓާލާ. ފުލުހުންގެ އަމަލުތައް ގާނޫނާއި ހިލާފު. ޖަވާބުދާރީވާން ޖެހޭ ވަގުތު އަންނާނެ ކަން ޔަގީން،" މަޝްހޫރު ގާނޫނީ ވަކީލު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އަދި ބައެއް އާންމުންވެސް ހައްޔަރުކޮށްފައެވެ. އަދި ޕީޕީއެމްގެ އޮފީހަށް ވަންނަން ހުންނަ ދޮރު ބަންދުކޮށް އެއްވެސް ބަޔަކަށް އެތެރެއަށް ނުވަދެވޭ ގޮތަށް އަދި އޮފީހުގެ ތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތްވެސް ހަދާފައިވެއެވެ.