އުމަރު ނަސީރު

އުމަރު ޖަލްސާ ބިލެތްމީރު ކޮށްލުމަކަށް ބަދަލުކޮށްފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނިކޮށް، އޭނާ އަނބުރާ ޖަލަށް ގެންދަން ކުރި މަސައްކަތް ކާމިޔާބުވެފައި ވާތީ އެކަން ފާހަގަ ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވާ އުޅުނު ޖަލްސާ ބާއްވާނެ ތަނެއް ނުލިބިގެން އެ ޖަލްސާ ކުޑަ ހަފުލާއަކަށް ބަދަލު ކޮށްފި އެވެ.

އުމަރު ވިދާޅުވީ، "19 ޝަހީދުންގެ ހަދާނެއް ނުނެތޭ" އެ ނަމުގައި 25 ޖުލައިގައި އޭނާ ބާއްވަން ނިންމި ޖަލްސާ ބާއްވާނެ ތަނެއް ލިބިފައި ނުވާ ކަމަށާއި، މިނިވަން ދުވަހުގެ ހަފުލާ އާއި އެކަން ފުށު އަރާތީ، އެ ޖަލްސާ ކުޑަ ހަފުލާއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ހަފުލާ ބާއްވަނީ ބުދަ ދުވަހުގެ ރޭ 9:00 ގައި ސަލްސާ ރޯޔަލްގައި ބިލެތް މީރުކޮށްލުމަކާއެކީ ކަމަށެވެ.

މީގެ ކުރިން އެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށް އުމަރު ޕްލޭނިން މިނިސްޓްރީގައި އެދުމުން މިމަހުގެ 18 ވަނަ ދުވަހު ޖަލްސާ ބޭއްވުމުގެ ހުއްދަ އެ މިނިސްޓްރީން ދިނެވެ. ނަމަވެސް އެދުވަހު އެ ޖަލްސާ ނުބޭއްވުނީ މޫސުންތަން ނުދިނުމުގެ ސަބަބުން ކަަމަށް އުމަރު ވިދާޅުވި އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ބަހައްޓައި ގެންގުޅުނުކަން ފަޅާ އަރުވާލީ އުމަރެވެ.