ހަބަރު

އުމަރު ބާއްވާ ޖަލްސާ ފަސްކޮށްފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން އުޅެނިކޮށް، އޭނާ އަނބުރާ ޖަލަށް ގެންދަން ކުރި މަސައްކަތް ކާމިޔާބުވެފައިވާތީ އެކަން ފާހަގަ ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވާ ޖަލްސާ ފަސް ކޮށްފި އެވެ.

އުމަރު ވަނީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ފިލައިގެން އުޅޭކަން ފަޅާ އަރުވާލުމުން އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުވީތީ އެކަމުގެ އުފަލުގައި ކާނިވާ ސަރަހައްދުގައި އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާ އެއް ބޭއްވުމުގެ އިންތިޒާތައް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެ ސަރަހައްދުގައި މަގުމަތީ ބާޒާރެއް ހިގަމުންދާތީ މިހާރު އެ ޖަލްސާ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ބާއްވަން އެސަރަހައްދު ހޯދަން އެދިފައިވާ ކަމަށް އުމަރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ދިވެހި އެމްބަސީގައި ލުތުފީ ބަހައްޓައި ގެންގުޅުނުކަން ފަޅާ އަރުވާލީ އުމަރެވެ. އެހާ ހިސާބުން ސަރުކާރުން ދިޔައީ ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ލުތުފީ ގެނައުމަށް ކުރި މަސައްކަތް ލަސްވީ ލިޔެ ކިޔުންތައް ނުލިބިގެން ކަމަށް ވަނީ ބުނެފަ އެވެ.

ލުތުފީ ރާއްޖެ ގެނައީ އެމްބަސީގައި ދެ މަސް ވަރުވަންދެން ގެންގުޅުމަށްފަހު އެވެ. އޭނާ ރާއްޖެ ގެނެސް މިހާރު ވަނީ ކަރެކްޝަނާ ހަވާލުކޮށްފަ އެވެ.