ބޭރު ކުޅިވަރު

ބޭނުން ކުޅުންތެރިޔަކު ގަނެވޭހާ ފައިސާ ހުރި ކަމަށް އާސެނަލް އިން ބުންޏަސް ވެންގާ ބުނަނީ ނެތް ކަމަށް

Jul 25, 2015

ކޯޗު އާސެން ވެންގާ ބޭނުންވާ ކޮންމެ ކުޅުންތެރިއަކު ވެސް ގަނެވޭހާ ގާބިލްކަން އާސެނަލްގައި އެބަހުރި ކަމަށް އެ ޓީމުގެ ސީނިއާ ބޯޑު މެމްބަރު ލޯޑް ހެރިސް ބުނި ވާހަކަ ވެންގާ ދޮގުކޮށްފި އެވެ.

ޓީމުގެ އެންމެ ދުވަސްވީ ބޯޑު މެމްބަރު ލޯޑް ހެރިސް ބުނީ ކުލަބުގެ އެކައުންޓްގައި 200 މިލިއަން ޕައުންޑް އެބަހުރި ކަމަށާއި މީގެ ތެރެއިން 100 މިލިއަން ޕައުންޑް ވެސް މިހާރު ވެސް ހުރީ ހޭދަކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

"އަހަރުމެން އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވި ވަގުތު ފައިސާގެ ދަތިކަން އުޅުނު. އެކަމަކު މިހާރު އެކަން ވަރަށް ކުޑަ. މިހާރު އަހަރުމެންނަށް ކުލަބުގެ ރެކޯޑް ފީ ވެސް ބްރޭކް ކުރެވިދާނެ. (ބާސެލޯނާގެ) މެސީ އާއި (ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ) ރޮނާލްޑޯ ފިޔަވައި ކޯޗު ބުނަންވީ ތިމަންނަ ބޭނުންވަނީ މިވެނި ކުޅުންތެރިއެކޭ. އަހަރުމެން އެކަން ކުރާނަން،" ލޯޑް ބުންޏެވެ.

ނަމަވެސް ވެންގާ ބުނީ އެއީ ތަންކޮޅެއް ބޮޑުކޮށްލައިގެން ދެއްކި ވާހަކަ އެއް ކަމަށާއި އެކަމުގައި ހަގީގަގެއްނެތް ކަމަށެވެ. ނަމަވެސް ފުރުސަތު ލިބިއްޖެނަމަ އޭނާ ކުޅުންތެރިން ގަންނާނެ ކަމަށެވެ.

އޭނާ އަދި ބުނީ ޗެލްސީގެ ކީޕަރު ޕީޓަ ޗެކް ގަތީ ދުނިޔޭގެ ފެންވަރުގެ ކީޕަރަކަށް ކޯޗު ބޭނުންވުމުން ކަމަށެވެ.

"2005 ގައި ޖެންސް ލޭމަން ދިޔަ ފަހުން އަހަރުމެންގެ ނެތް ދުނިޔޭގެ ފެންވަރުގެ ކީޕަރަކު. މިހެންވެ ކޯޗު ވެސް ބޭނުންވީމަ އަހަރުމެން އޭނާ (ޗެކް) ގަތީ. ޓީމު ވަރުގަދަ ކުރަން ކޯޗު މިހާރު ފައިސާ ނެތިގެން ހާސްވާކަށް ނުޖެހޭނެ،" ލޯޑް ބުންޏެވެ.

އާސެނަލްއިން މިހާރު އެންމެ ފޯރީގައި ގަތުމަށް މަސައްކަތް ކުރާ އެއް ކުޅުންތެރިއަކީ ރެއާލް މެޑްރިޑުގެ ފްރާންސް ކީޕަރު ކަރީމް ބެންޒެމާ އެވެ.