ބަތަލާ އައިލެންޑް ރިސޯޓް

ބަތަލާ އައިލެންޑް ސޭންޑީޒް ބަތަލާގެ ނަމުގައި ހުޅުވައިފި

Jul 12, 2019
2

ތްރީއޭ އިން ކުރިން ހިންގި ބަތަލާ އައިލެންޑް، "ސޭންޑީޒް ބަތަލާ" ގެ ނަމުގައި ބްރޭންޑްކޮށް އަލުން ހުޅުވައިފި އެވެ.

ބަލަތާ އައިލެންޑް "ސޭންޑީޒް ބަތަލާ" އަށް ބްރޭންޑް ކޮށްފައި މި ވަނީ ތްރީއޭ ކުންފުނިން މިދިޔަ އަހަރު މި ރިސޯޓު ސުވިޒަލެންޑުގެ ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕަށް ކުއްޔަށް ދިނުމާ ގުޅިގެންނެވެ. ތިން ތަރީގެ މި ރަށް އެ ކުންފުނިން ކުއްޔަށް ނަގައި ރިސޯޓަށް ބޮޑު ބަދަލެއް ގެނެސް މިހާރު ވަނީ ހަތަރު ތަރީގެ ރިސޯޓަކަށް ބަދަލު ކޮށްފަ އެވެ.

ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕުން މި ރަށަށް ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ރަށުގައި މޫދު ކޮޓަރި ތަކެއް އެޅުމެވެ. ކުރިން މި ރިސޯޓަކީ މޫދު ކޮޓަރި ހުރި ރިސޯޓެއް ނޫންނެވެ. ނަމަވެސް މިހާރު މި ރިސޯޓުގައި މޫދު ކޮޓަރި އާއި ބީޗު ކޮޓަރިތައް ހިމެނޭ ގޮތަށް ޖުމުލަ 73 ކޮޓަރި ހުރެ އެވެ.

ބަލަތާ އައިލެންޑަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާއެއްގައި އޮންނަ ރިސޯޓެކެވެ. ކުރިން މިއީ ޑައިވިން ކުރަން އަންނަ މީހުންގެ މެދުގައި މަގުބޫލު ރިސޯޓެކެވެ. ރިސޯޓު އަލުން ހުޅުވިއިރު، ޑައިވް ސެންޓަރާއި ދިވެހި ކެއުންތައް ހިމެނޭ ރެސްޓޯރެންޓުތައް އަދި ޖިމް ފަދަ ގިނަ ވަސީލަތްތަކެއް ހުރެ އެވެ.

މި ރިސޯޓު މިހާރު ހިންގާ ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕުން ރާއްޖޭގައި އިތުރު ދެ ރިސޯޓު ވެސް ހިންގަ އެވެ. އެއީ އދ. އަތޮޅުގައި ހިންގާ ޑައިމަންޑްސް ތުނޑުފުއްޓާއި ޑައިމަންޑްސް އަތުރުގާ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ވަނީ 12 ރިސޯޓެއް ހުޅުވާފަ އެވެ. މީގެ އިތުރުން 120 ޓޫރިޒަމް ޕްރޮޕަޓީސްގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.