ރާއްޖެ ކުޅިވަރު

ޗެފް ޑިމިޝަނަކަށް ސާންތީ

Jul 25, 2015

އަންނަ މަހު ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަނަކަށް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ހަމަޖައްސައިފި އެވެ.

އޭނާ އަކީ އެންމެ ފަހުން އެކުލަވާލި ކުޅިވަރުގެ ގައުމީ މަޖިލީހުގެ ވެސް މެމްބަރެކެވެ. މީގެ އިތުރުން ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ކާމިޔާބުކުރި ދިވެހި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކީ ވެސް އޭނާ އެވެ.

ފުޓްބޯޅަ ކޯޗިންގައި ތަޖުރިބާކާރު ކޯޗު ސާންތީ އަކީ މެނޭޖްމަންޓް ދާއިރާގައި ވެސް ހަރަކާތްތެރިވާ މޮޅު އެޑްމިނިސްޓްރޭޓާ އެކެވެ.

ރީޔޫނިއަންގައި އޯގަސްޓް މަހުގެ 1 އިން 8 އަށް ބާއްވާ ގޭމްސްގައި ރާއްޖޭން 10 ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އަދި ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަރުކާރުގެ ޑެލިގޭޓުން އަދި މީޑިއާއާއެކު، ރާއްޖޭން ކޮންޓިންޖެންޓްގެ އަދަދު 250 ވުރެ މަތިވާނެ އެވެ..

އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރްޒޫގް (މަރޭ) ވިދާޅުވީ ރާއްޖޭގެ އަމާޒަކީ "ނުވަ މެޑައްޔާއި 15 މެޑައްޔާ ދޭތެރޭގެ އަދަދަކަށް" މުބާރާތުގައި މެޑަލް ހޯދުން ކަމަށެވެ. ގޭމްސްގައި ރާއްޖޭއިން ބޭނުންކުރާނެ ޝިއާރަކީ "ދިވެހިން ރަންވަނައަކަށް" ދިއުމެވެ.