ހަބަރު

"އަވަސް ޑެއިލީ ނިއުސްލެޓާ" ތައާރަފުކޮށްފި

Jul 14, 2019
3

ވަގުތު ވުމުން ކޮންމެހެން ކިޔާލަންޖެހޭ މުހިންމު ހަބަރުތައް އީމެއިލް މެދުވެރިކޮށް ލިބޭ ގޮތަށް "އަވަސް ޑެއިލީ ނިއުސް ލެޓާ" ގެ ހިދުމަތް އަވަސް އޮންލައިން އިން މިއަދު ތައާރަފުކޮށްފި އެވެ.

އަވަސް އިން "އަވަސް ޑެއިލީ ނިއުސްލެޓާ" ގެ ނަމުގައި ތައާރަފު ކުރި މި ހިދުމަތުގައި ހިނދުން ހިނދަށް ހަބަރުތަކާއި އޭގެ ތަފުސީލުތައް ބަލަން ދަތިވާ، އަދި ދުވަހުގެ ބިޒީ ޝެޑިއުލްތަކާ ގުޅިގެން ހަބަރުތައް ބަލަން އުނދަގޫވާ ފަރާތްތަކަށް ރާއްޖެ އާއި ދުނިޔޭގައި ހިނގާ މުހިންމު ހަބަރުތައް އެ ފަރާތެއްގެ ހުސް ވަގުތުގައި ކިޔައިލެވޭ ގޮތަށް އަމިއްލަ އީމެއިލަށް ފޮނުވައި ދޭނެ އެވެ.

އަވަސްގެ ލީޑް ޑިވެލޮޕާ އިސްމާއީލް ޒާހީ މިއަދު ވިދާޅުވީ ރާއްޖޭގެ އޮފީސްތަތާކާއި ވިޔަފާރިިތަކުގައި އަވަދިނެތި އުޅޭ ފަރާތްތަކާއި އަދި ރާއްޖޭގައި މަސައްކަތް ކުރައްވާ ބޭރުގެ ޑިޕޮލޮމޭޓުންނާއި އެނޫން ވެސް ބޭރުގެ ފަރާތްތަކަށް "އަވަސް ޑެއިލީ ނިއުސް ލެޓާ" އަކީ މުހިންމު ހިދުމަތަކަށް ވެގެންދާނެ ކަމަށެވެ. މި ހިދުމަތުގެ އަޖުމަ ބެލުމުގެ މަރުހަލާ އަށްފަހު އިތުރަށް ފުޅާ ކުރާނެ ކަމަށް ވެސް ޒާހީ މިއަދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވާނީ 'އަވަސް ޑެއިލީ ނިއުސް ލެޓާ' ގެ ހިދުމަތް ހިދުމަތް ދޫކޮށްލާފައި. މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން އޭގެ ބޭނުން ކުރަން ފަށައިފި. މި ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން،" ޒާހީ ވިދާޅުވި އެވެ.

ޒާހީ ވިދާޅުވި ގޮތުގައި އަވަސްގެ ޑެއިލީ ނިއުސްލެޓާ އަށް ސަބްސްކްރައިބް ކުރުމުން ކޮންމެ ދުވަހަކު ހެނދުނު އެންމެ މުހިންމު އަދި ކޮންމެހެން ކިޔާލަން ޖެހޭ ހަބަރުތައް އީމެއިލެއް މެދުވެރިކޮށް ލިބިގެންދާނެ އެވެ. އަދި ނިއުސް ލެޓާ މެދުވެރިކޮށް އެ ހަބަރުތަކުގެ އިތުރު އަޕްޑޭޓްތައް ހޯދައިލެވޭނެ ގޮތަށް ހަބަރުތަކާއި އެ ހަބަރުތަކާ ގުޅޭ ހަބަރުތަކުގެ ލިންކް ވެސް ހިމަނައިދީފައި ހުންނާނެ އެވެ.

ސަބްސްކްރައިބް ކުރާނީ ކިހިނެއް؟

ޑެއިލީ ނިއުސްލެޓާއަށް ސަބްސްކްރައިބް ކުރަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ. އަވަސް އޮންލައިނަށް ވެބްސައިޓްގެ ހޯމް ޕޭޖްގައި މުހިންމު ލިންކުތައް ހިމެނޭ ޓޫލް ބެލްޓްގައިވާ "އަވަސް ޑެއިލީ ނިއުސްލެޓާ" ގެ ލިންކަށް ދިއުމުން ސަބްސްކްރިޕްޝަންގެ މަރުހަލާ ފުރިހަމަ ކުރާނެ ފޯމް ފެންނާނެ އެވެ.

ފުރިހަމަ ނަމާއި އީމެއިލް އެޑްރެސް ޖެހުމަށްފަހު ސަބްމިޓް ކުރުމުން އަވަސް ޑެއިލީ ނިއުސް ލެޓާއަށް ސަބްސްކްރައިބް ކުރެވުނީ އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ހެނދުނު މުހިންމު ހަބަރުތައް ހިމެނޭ ނިއުސް ލެޓާގެ އީމެއިލް ލިބެމުންދާނެ އެވެ. މީގެ އިތުރުން އަވަސް އޮންލައިންގެ ޔޫޒާ އޭރިއާ ގައި ރަޖިސްޓްރީވެގެން ވެސް އަވަސް ޑެއިލީ ނިއުސް ލެޓާގެ ހިދުމަތް ހޯދޭނެ އެވެ.