އަވަސް

ޕްރިވިލެޖް މޯލްޑިވްސް އޮންލައިން މީޑިއާ ޕާޓްނަރަށް އަވަސް

Jan 15, 2021
2

"ޕްރިވިލެޖް މޯލްޑިވްސް" ގެ އޮންލައިން މީޑިއާ ޕާޓްނަރަށް އަވަސް އޮންލައިން ހަމަޖައްސައިފި އެވެ. އެއީ ލޯޔަލްޓީ ޕްރޮގްރާމް ޕްލެޓްފޯމެކެވެ.

އަވަސް އޮންލައިން އެ ޕްލެޓްފޯމްގެ މީޑިއާ ޕާޓްނަރަށް ހަމަޖެއްސީ ޕްރިވިލެޖް މޯލްޑިވްސްގެ ޕާޓްނަރުންނާއެކު ސޮއި ކުރަން ރޭ ހުޅުމާލޭގައި ބޭއްވި ހަފުލާއެއްގަ އެވެ. އަވަސްގެ އިތުރުން އެހެން ތިން ޕާޓްނަރުންނާއެކު ޕްރިވިލެޖް މޯލްޑިވްސް އިން ރޭ ސޮއި ކުރިއެވެ. އެއީ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރި "ކެބްސްއެމްވީ" އާއި އިވެންޓު އޮގަނައިޒާއެއްގެ ގޮތުގައި ސޮއިކުރި "އެމްއެންޔޫއެސްޔޫ" އެވެ.

ކާޑަށް ރަޖިސްޓްރީ ކުރަން ފުރުސަތު

އެ ކުންފުނިން ވަނީ ޕްރިވިލެޖް ކާޑަށް ރަޖިސްޓްރީ ކުރަން ވެސް ހުޅުވާލާފަ އެވެ. ކާޑު ބޭނުންވާ ފަރާތްތައް ޕްރިވިލެޖް މޯލްޑިވްސްގެ ވެބްސައިޓުން ރަޖިސްޓްރީ ކުރެވެ އެވެ.

ޕްރިވިލެޖް ކާޑު ލިބޭ ފަރާތްތަކަށް ޕްރިވިލެޖް މޯލްޑިވްސްގެ ނެޓްވޯކުގައި ހިމެނޭ 140 ތަނަކުން ޑިސްކައުންޓް ލިބޭނެ އެވެ. އެ ތަންތަނުން ޑިސްކައުންޓް ލިބުމުގެ އިތުރުން ވިޔަފާރިކޮށް ނުވަތަ ހިދުމަތް ހޯދުމުން ކާޑު ރެޑީމް ވެސް ވާނެ އެވެ. މިގޮތަށް ރެޑީމްކޮށް ލިބޭ ޕޮއިންޓު ބޭނުން ކޮށްގެން ފަހުން ވިޔަފާރި ކުރެވޭނެ އެވެ.

ވިޔަފާރި އާއި ހުނަރު ރާއްޖޭން ބޭރަށް

ޕްރިވިލެޖް މޯލްޑިވްސްއަކީ ރާއްޖޭގެ ވިޔަފާރިތަކާއި ލޯޔަލް ޓެލެންޓު ޕްރޮމޯޓްވާ ގޮތަށް ތައާރަފު ކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ފަރުމާ ކޮށްފައި ވަނީ މައިގަނޑު ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ވިޔަފާރިތައް ޕްރޮމޯޓް ކުރުމާއި ރާއްޖޭގެ ހާއްސަ ސިފަތައް ޕްރޮމޯޓް ކުރުމާއި ދިވެހި ޒުވާނުންގެ ހުނަރު ޕްރޮމޯޓް ކުރުމެވެ.

އެ ކުންފުނިން ބުނީ ޕްރިވިލެޖް މޯލްޑިވްސްގެ ނެޓްވޯކް ތެރޭގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ރާއްޖެ އަންނަ ޓޫރިސްޓުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށާއި ރާއްޖެ އަށް ޓޫރިސްޓު އައުމުގެ ކުރިން މި ނެޓްވޯކް ތެރެއިން ޓޫރިސްޓުންނަށް ދޭ ޕްރިވިލެޖް ކާޑުން ދިވެހިންގެ ވިޔަފާރިތައް އެނގިގެންދާނެ އެވެ.

މިސްޓަ ވޯލްޑް ރާއްޖެ ގެންނަނީ

ޕްރިވިލެޖް މޯލްޑިވްސް އިން ވަނީ އެ ކުންފުނިން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ވެސް އިއުލާނު ކޮށްފަ އެވެ. އެގޮތުން 2015 އިގައި މިސްޓަ ވޯލްޑް ހޯދި އިންޑިއާގެ ތަކޫރު އަނޫޕް ސިންގް ރާއްޖެ ގެންނާނެ އެވެ. އޭނާ ރާއްޖެ އައިސް ޕްރިވިލެޖް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ބައެއް ތަންތަނަށް ޒިޔާރަތް ކުރާނެ އެވެ. އޭގެތެރޭގައި ފިޓްނަސް ތަންތަނާއި މުނިފޫހި ފިލުވުމުގެ އިންޑަސްޓްރީގެ ފަރާތަކާ ބައްދަލު ކުރާނެ އެވެ.

ޕްރިވިލެޖް މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ބައެއްގެ ގޮތުގައި ހިމަނައި ލޯކަލް ޓެލެންޓު ހޯދަން އޮޑިޝަނެއް ބާއްވަން ވެސް ނިންމާފަ އެވެ.