ހަބަރު

މުހިންމު ތިން ދާއިރާއެއްގެ އެވޯޑް އަވަސް ނޫސްވެރިންނަށް

މިދިޔަ އަހަރުގެ މޮޅު ނޫސްވެރިންނަށް މިރޭ ނޫސްވެރިކަމުގެ އެވޯޑު ދީފި އެވެ. އެވޯޑް ހަފުލާ އޮތީ ޓީވީއެމް ސްޓޫޑިއޯގަ އެވެ.

މިދިއަ އަހަރުގެ ވަނަތަކަށް 13 ދާއިރާއަކުން މިރޭ އެވޯޑް ދިނެވެ. އެ ދާއިރާތަކުން 54 ނޫސްވެރިޔަކު ކުރިމަތިލި އެވެ.

މެއި 3، 2014 ގައި ފެށި ނޫސްވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާތާ މިވީ ހަ ވަނަ އަހަރެވެ. މިދިއަ އަހަރުގެ މޮޅު ނޫސްވެރިންގެ ތެރޭގައި މުހިންމު ތިން ދާއިރާއަކުން އަވަސްގެ ނޫސްވެރިން ވަނީ ވަނީ އެވޯޑް ހޯދާފައެވެ. އެއީ ސިޔާސީ ދާއިރާ އާއި ވިޔަފާރި އާއި އިގްތިސާދީ ދާއިރާގެ އިތުރުން ތިމާވެށި އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ އެވެ.

ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން އެވޯޑް ހޯދާފައި ވަނީ އަވަސް އޮންލައިންގެ ބިޒްނަސް އެޑިޓަރު މުހައްމަދު އަފްރާހެވެ. މިއީ އަފްރާހު މި އެވޯޑް ހޯދި ދެވަނަ ފަހަރެވެ. އޭނާ އެވޯޑަށް ކުރިމަތިލީ ވެސް ތިން ފަހަރު އެވެ. ސިޔާސީ ދާއިރާ އިން އެވޯޑް ލިބިފައިވަނީ އަވަސް އޮންލައިންގެ އެސޯސިއޭޓެޑް އެޑިޓަރު މުހައްމަދު ވިސާމެވެ.

ތިމާވެށި އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާގެ ދާއިރާއިން އެވޯޑް ލިބިފައި ވަނީ އަވަސް އޮންލައިންގެ ނޫސްވެރިޔާ އީމާން އަންވަރަށެވެ.

މިރޭގެ ހަފްލާގައި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ ހަނދާނުގައި ހާއްސަ އެވޯޑެއް ވަނީ ދީފަ އެވެ. އެ އެވޯޑާއި ހަވާލުވީ ރިލްވާންގެ އާއިލާއިން އޭނާގެ ދައްތަ ޝެހެނާޒެވެ.

އަދި މިރޭގެ ރަސްމިއްޔާތަށް ފޮނުއްވި ވީޑިއޯ މެެސެޖެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިލްވާން އަދި ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދުމަށް ސަރުކާރުން ފެށި މަސައްކަތް ހުއްޓާ ނުލާ ކަމަށް ވިދާޅުވެފަ އެވެ.

އެވޯޑް ލިބުނު ނޫސްވެރިން

  • ސިޔާސީ ދާއިރާ - މުހައްމަދު ވިސާމް (އަވަސް އޮންލައިން)
  • ވިޔަފާރި އާއި އިގްތިސާދީ ދާއިރާ - މުހައްމަދު އަފްރާހް ( އަވަސް އޮންލައިން)
  • ތިމާވެށި އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ - އީމާން އަންވަރު (އަވަސް އޮންލައިން)
  • ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ - މުހައްމަދު މުޒައްޔިން ނާޒިމް (ސަން އޮންލައިން)
  • ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ ދާއިރާ - ޝަފްނާ ހުސައިން (ސަން އޮންލައިން)
  • ޝަރުއީ އަދި ގާނޫނީ ދާއިރާ - މުއިއްޒު އިބުރާހިމް (މިހާރު އޮންލައިން)
  • ކުޅިވަރުގެ ދާއިރާ - މުހައްމަދު ހަމްދޫން (މިހާރު އޮންލައިން)
  • ބްރޯޑް ކާސްޓިން ދާއިރާ - ސިމާހާ ނަސީރު (ރާއްޖެ ޓީވީ)
  • ފީޗާ ރިޕޯޓް ދާއިރާ - މުހައްމަދު ހަމްދޫން (މިހާރު އޮންލައިން)
  • ފިޗާ ބްރޯޑްކާސްޓިން ދާއިރާ - ޝުރުފާ މުހައްމަދު (ވީޓީވީ)
  • ފޮޓޯ ޖާނަލިސަމް ދާއިރާ - ނިޝާން އަލީ (މިހާރު އޮންލައިން)
  • ވީޑިއޯ ޖާނަލިޒަމް ދާއިރާ - ޝުރުފާ މުހައްމަދު (ވީޓީވީ)
  • އެއްމެ އުންމީދީ ނޫސްވެރިޔާ - މުހައްމަދު މުޒައްޔިން ނާޒިމް (ސަން އޮންލައިން)