ހަބަރު

ޝޯ ގައި ހިނގާފާނެ ކޮންމެ ކަމަކަށް ވެސް މި ތިބީ ތައްޔާރުވެގެން: ފުލުހުން

މިރޭ ގަލޮޅު ދަނޑުގައި ބާއްވާ ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުން ޝޯ ގައި ހިނގާފާނެ ކޮންމެ ކަމަކަށް ފުލުހުން ތައްޔާރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ޝޯ ބަލަން ދަނޑަށް ކޮންމެ މީހަކަށް ވެސް ވަދެވޭނީ ޗެކް ކުރުމަށް ފަހު ކަމަށާއި އެތަނަށް އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނުވެއްދޭނެ ކަމަށެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތަކާއި ލައިޓަރާއި ފުޅި ފަދަ ތޫނު އެއްވެސް އެއްޗެއް ދަނޑަށް ނުވެއްދޭނެ ކަމަށް ފުލުހުން ބުންޏެވެ. ގަލޮޅު ދަނޑަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނަކަށް ވާތީ އެތަނުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މިއަދުގެ އިރުއޮއްސި 6:30 އިން ފެށިގެން ގަލޮޅު ދަނޑުގެ ވަށައިގެންވާ ހުރިހާ މަގުތަކާއި ގޯޅިތައް ވެސް ބަންދު ކުރެވޭނެ ކަމަށާއި ދަނޑަށް ވަންނަން ބޭނުންވާ ހުރިހާ ފަރާތްތަކުން ވެސް ހިނގާފައި ދިއުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އެތަނަށް އާންމުންނަށް ވަދެވޭނީ ދަނޑުގެ އިރުމަތީ މަގުގެ ދެކުނު ގޭޓާއި މެދު ގޭޓުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިރޭ ބާއްވަން ހަމަޖައްސާފައިވާ އެ ޝޯ ގައި މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ބައިވެރިވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް އޭނާ އަށް މަރުގެ އިންޒާރު ދީ ބަޔަކު އާންމުކުރި ވީޑިއޯތަކަކާ ގުޅިގެން އޭނާ ވަނީ ރާއްޖެ އަންނަން އޮތް ދަތުރު ކެންސަލްކޮށްފަ އެވެ. ނަމަވެސް އެ ޝޯގައި ބައިވެރިވާން ހަމަޖެހިފައި ތިބި ބައެއް ފަންނާނުންތައް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.