ހަބަރު

ސައީދަށް ފެނަކަ ދަސްވެފައި ނުވާތީ ހިތާމަކުރަން: ނިމާލް

Jul 13, 2019
7

އަށް މަސް ދުވަސްވީ އިރުވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް އެ ކުންފުނި ދަސްވެފައި ނެތުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ނިމާލް މިގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް މިދިޔަ ހަފުތާގައި ހާޒިރުވެވަޑައިގެން ސައީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ސައީދު ވިދާޅުވެފައި ވަނީ އެ ކުންފުނީގެ އެސެޓް ރެޖިސްޓްރީއެެއް މިހާތަނަށް ގާއިމް ކޮށްފައިނުވާ ކަމަށެވެ. އަދި އެކުންފުނީގެ އެސެޓް ރަޖިސްޓްރީގެ ގޮތުގައި މިހާރު އޮތް ރަޖިސްޓްރީއަކީ ސައްހަ ރަޖިސްޓްރީއެއް ނޫން ކަމަށާއި އެއީ ސީރިއަސް މައްސަލައެއް ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ފޭސްބުކްގައި ނިމާލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފެނަކައިގެ ފިނޭންސް ޑިޕާޓްމެންޓްގައި މަސައްކަތްކުރާ މުއައްޒަފުންގެ ކިބައިން ސާފުކުރަން އެދޭ ކަަމަށެވެ. އެގޮތުން ކުރިން ކުންފުނީގެ ހަރުމުދާތަކުގައި ކޯޑް ނަމްބަރުދީގެން ބަލަހައްޓަމުން ގެންދިޔައީ ފިކްސްޑް އެސެޓް ރެޖިސްޓަރީ ގެނެސްދިނުމަށް ކަމަށެވެ.

"ފިކްސްޑް އެސެޓް ރެޖިސްޓްރީއަކީ ވަކި އުސޫލެއްގެ ތެރެއިން އަބަދުވެސް އުނިއިތުރު ގެންނަން ޖެހޭނެ އެއްޗެއްކަމުގެ ފިލާވަޅު އަޅުގަނޑު މަނިކުފާނަށް ނަގައިދެން، އަށް މަސް ދުވަހު ކުންފުނީގެ އެމްޑީ ކަމުގައި ހުންނެވިއިރުވެސް ކުންފުނީގެ މަސައްކަތްތަކަށް އަހުލުވެރި ނުވެވުނުކަމީ ކޮޅެއްނެތް ކޮޅަށް ހިތާމަހުރި ކަމެއް، މަނިކުފާނަށް ފިކްސްޑް އެސެޓް ރެޖިސްޓަރީ އަކީ އޮންނަންޖެހޭ އެއްޗެއްކަން ފެނަކައަށް ވަޑައިގެންނެވުމުން ދަސްވި ކަމަށްޓަކައި އުފާ ކުރަން،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަވެސް މަގާމާއި ހަވާލުވުމަށްފަހު މުއައްޒަފުންގެ ކިބައިން އެދުނީ ފިކްސްޑް އެސެޓް ރެޖިސްޓްރީ ކަމަށެވެ. އެއޮންނަންޖެހޭ އެއްޗެއްކަން މުއައްޒަފުންނަށް އިނގުނީ އެދުވަހު ކަމަށެވެ.

"ރައީސް އަބުދުﷲ ޔާމީންގެ 24 ގަޑިއިރު ކަރަންޓް ޔަގީން ކަމުގެ ހިދުމަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް އަދިވެސް އެދެން، ފެނަކައިގެ ހުރިހާ މުއައްޒަފުންނަކީ ވަރަށް ގާބިލް، ކުންފުނިދެކެ ނުހަނު ލޯބިވާ ރައްޔިތުންނަށް އަބަދުވެސް ހިދުމަތް ކުރުމުގައި ނަމޫނާ މުއައްޒަފުންތަކެއް،" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ، ފެނަކަ ހަލާކުވެ، ރައްޔިތުންނަށް ހިދުމަތްނުދެވި ދާތަން ބަލަން ކެތް ނުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފެނަކައާ ގުޅޭގޮތުން އޮޅުވާލައިގެން ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.