ވިޔަފާރި

ދިރާގާއި ސްޕާކްހަބް ގުޅިގެން ބޮޑު ހެކަތޯން ފަށައިފި

Jul 13, 2019

ގިނަ އަދަދެއްގެ ޑިވެލޮޕަރުންނާއި އައިޓީ ދާއިރާގެ ޒުވާނުންނާއެކު "އެންޖަލްހެކް" ފަށައިފި އެވެ.

ސޯލްޓް ކެފޭގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހެކަތޯން ބާއްވަނީ ދިރާގާއި ދިވެހި ކުންފުންޏެއް ކަމަށްވާ ސްޕާކްހަބް އަދި އެމްއެމްއޭ ގުޅިގެންނެވެ. މިއީ މި ހެކަތޯން ބާއްވާ ދެވަނަ އަހަރެވެ.

ހެކަތޯން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނިން ޑިޖިޓަލް ދިވެހިރާއްޖެ އަކަށް، ރާއްޖެ ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި ޒުވާން ވިޔަފާރިތަކަށް އިސްކަން ދޭނެ ކަމަށެވެ.

މި ހެކަތޯންގައި ކޯޑު ކުރުމާއި ޕިޗް ވޯކްޝޮޕްތަކާއި އެ ނޫން ވެސް ތަފާތު ވޯކްޝޮޕްތަކުގެ އިތުރުން ތަފާތު ޕްރޮގްރާމްތައް ފަރުމާކުރުން ވެސް އޮންނާނެ އެވެ. އަދި ހެކަތޯންގައި ވަކިވަކި ފަރުދުންނާއި ގްރޫޕު ތަކުން ވެސް ބައިވެރިވެފައިވެ އެވެ.

މިދިޔަ އަހަރުގެ ހެކަތޯންގައި 50 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިދިޔަ އަހަރު ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެއް ވަނަ އަށް ދިޔަ ގްރޫޕަށް ޕްރޮގްރާމެއް ފަރުމާ ކުރަން 12 ހަފުތާގެ ވާޗުއަލްކޮށް ތަމްރީން ތަކެއް ދީފައިވެ އެވެ. އަދި އެ ފަރާތަކަށް އެންޖަލްހެކް އިން އެމެރިކާގައި ބޭއްވި ގްލޯބަލް ޑެމޯޑޭގައި ބައިވެރިވުމުގެ ފުރުސަތު ދިނެވެ.