ތެޔޮ ޓޭންކަރު ހިފެއްޓި މައްސަލައިގައި އެމެރިކާ އިރާނާއެކު ހަނގުރާމައަކަށް ހިނގަޖެއްނަމަ މުޅި އިޒްރޭލަށް ބޮން އަޅައި އިޒްރޭލު ފަނާކޮށް ނައްތާލާނެ ކަމަށް ހިޒުބުﷲ އިން ލުބުނާނަނށް ކަނޑައަޅައިފައިވާ ލީޑަރު، ހަސަން ނަސްރުﷲ ވިދާޅުވެއްޖެ އެވެ.
ލުބުނާނުގެ މީޑިއާއަށް މައުލޫމާތު ދެމުން ހަސަން ނަސްރުﷲ ވިދާޅުވީ އެމެރިކާއިން އިރާނާއެކު ހަނގުރާމައަށް ދާން ބޭނުންވާނަމަ، އެ ހަނގުރާމައިގެ ތެރެއިން އިޒްރޭލު ނެތި ފަނާވާނެކަން އެމެރިކާއަށް އެނގެން ޖެހޭނެ ކަމަށެވެ. އަދި ހިޒުބުﷲ އިން މަސައްކަތް ކުރަނީ އެމެރިކާއިން އިރާނާއެކު ކުރަން ބޭނުންވާ ހަނގުރާމަ ހުއްޓުވަން ކަމަށް ދުނިޔޭގެ ގައުމުތައް ގަބޫލު ކުރަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ. ހިޒުބުﷲ ޖަމާއަތަކީ އެމެރިކާއިން ޓެރަަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ޖަމާއަތެކެވެ.
ސައީދް ހަސަން ވިދާޅުވީ ހަނގުރާމައެއް ފަށައިފި ނަމަވެސް، އެ ހަނގުރާމައިގައި ސައުދީ އަރަބިއްޔާ އާއި ޔޫއޭއީން ބައިވެރިވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ހައުސް އޮފް ރެޕްރެންޒެޓިވް އިން ވަނީ އިރާނަށް ހަމަލާ ދިނުމުގެ އަމުރު ޑޮނަލްޑް ޓްރަމްޕަށް ނުދެވޭ ގޮތަށް ވަނީ ހަދާފަ އެވެ. ހައުސް އޮފް ރެޕްރެންޒެޓިވް އިން ގަބޫލުކުރާ ގޮތުގައި އިރާނާ ހަނގުރާމަ ކުރުމަކީ ބޭކާރު ކަމަށެވެ.
އެމެރިކާ އާއި އިރާނާއި ދެމެދު ހަނގުރާމައަކަށް ދާ ހިސާބަށް މަޝްރަހު ގޯސްވެފައި ވަނީ އަރަބި ކަނޑުގައި ދަތުރު ކުރަމުންދިޔަ އިރާންގެ ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ. މި ހަމަލާއަށްފަހު އެމެރިކާގެ ޕެންޓަގަން އިން ވަނީ އިރާންގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ކޯލިޝަނެއް ހަދަމުންދާ ކަމަށް ބުނެފަ އެވެ.