ހަބަރު

ތަރިކައިގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަގާފީ ތަރިކައިގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެބިލަށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން ހިޔާލު ހުށަހެޅުމަށް މަޖިލިސް ކޮމިޓީގެ އީމެއިލަށް ނުވަތަ ރައްޔިތުން މަޖިލީހަށް ލިޔުމެއް ފޮނުވަން އެދޭ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ސަގާފީ ތަރިކައިގެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. މިބިލް ދިރާސަ ކުރުމަށް ވަނީ މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

އެބިލް ހުށަހަޅުއްވަމުން އީވާ ވިދާޅުވީ، ރާއްޖޭ ސަގާފީ ތަރިކައިގެ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަކީ އެފަދަ ތަންތަން ހިމާޔާތްކޮށް ރައްކާތެރި ކުރުން ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގައި ހުރި ބައެއް އާސާރީ މިސްކިތްތައް ނަގައި އެތަންތާގައި ޕާކްތައް އަޅާއި އިމާރާތްތައް އެޅުމަށް މަސައްކަތް ކޮށްފައިވުމުގެ ސަބަބުން ބައެއް ސަގާފީ ތަރިކަތަށް ގެއްލުންވެފައިވާ ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީން އެކުލަވައިލައިފައިވާ ތަރިކަ ހިމާޔަތް ކުރމުގެ ޑްރާފްޓް ބިލުގައިވާގޮތުން އެގާނޫނުގެ ދަށުން ތަރިކަށް ގެއްލުން ދޭނަމަ ބޮޑެތި އަދަބުތަކެއް ދެވެން ހުރެ އެވެ. އެގޮތުން ރާއްޖޭގެ ސަގާފި ތަރިކައަށް ގެއްލުމެއް ދީ ފިނަމަ، އެގެއްްލުން ދިން ތަރިކައެއްގެ ސިފަ އާއި އަގަށް ބަލައި 100،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ އެއް ކުރެވޭނެ އެވެ. ނުވަތަ ފަސް އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް އެމީހެއްގެ މައްޗަށް އަންނާ ގޮތަށް އެބިލް ވަނީ ޑްރާފްޓް ކޮށްފަ އެވެ.