ހަބަރު

މައުމޫން ހަމީދަށް ރައީސް މަރުހަބާ ދަންނަވައިފި

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި މައުމޫން ހަމީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މަރުހަބާ ދަންނަވައިފި އެވެ.

މިއަދު ބޭއްވި ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ އިންތިހާބުގައި މައުމޫން ވާދަ ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާ އެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި މައުމޫން ހަމީދަށާއި ކައުންސިލްގެ އެހެން މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނީ ދާއިރާ ކުރިއަރުވަން ބާ ކައުންސިލުން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ސޯލިހްގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މައުމޫނަށް މަރުހަބާ ދަންނަވާފަ އެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެންމެ ފުރަތަމަ ބާ ކައުންސިލްގެ ރައީސްްކަން ކާމިޔާބު ކުރެއްވި މައުމޫން ހަމީދަށް މަރުހަބާ ދަންނަވާ ކަަމަށެވެ. އަދި ކައުންސިލްގެ އެހެން މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި މައުމޫން ހަމީދުގެ ނަން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އޭނާއަށް އެ ފަހަރު ސަރުކާރު މެންބަރުންގެ ތާއީދެއް ނުލިބެނެވެ. އޭގެ ފަހުން މައުމޫން ހަމީދު ވަނީ ސިޔާސީ ބައެއް ބޭފުޅުންގެ ގާނޫނީ ވަކީލުކަން ކުރައްވާފަ އެވެ. އޭގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވަ އެވެ.

ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ރައީސަކަށް މައުމޫން ހޮވިވަޑައިގެންފައިވާއިރު، ނައިބު ރައީސަކަށް ހޮވިވަޑައިގެންފައިވަނީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އެވެ.

މިއީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މި އިންތިހާބު ބޭއްވި ފުރަތަމަ ފަހަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވާފައިވާ ގާނޫނުގައިވާ ގޮތުން އިންތިހާބުގެ ކަންކަން ބަލަހައްޓަން ޖެހޭނީ އިލެކްޝަން ކޮމިޝަނުންނެވެ.

ގާނޫނު ބުނާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެގްޒެކެޓިވް ކޮމެޓީގެ ދައުރަކީ ތިން އަހަރެވެ.