ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަަމަށް ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ އިންތިހާބުގައި މައުމޫން ވާދަކުރައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އޭނާއަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓް، ރިޓްވީޓް ކުރައްވައި މައުމޫން ހަމީދު ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ފަންނުގައި އޭނާއާ ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ރައީސް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި މައުމޫން ހަމީދަށާއި ކައުންސިލްގެ އެހެން މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނީ ދާއިރާ ކުރިއަރުވަން ބާ ކައުންސިލުން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ނިމިދިޔަ ސަރުކާރުގައި މައުމޫން ހަމީދުގެ ނަން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އޭނާއަށް އެ ފަހަރު ސަރުކާރު މެންބަރުންގެ ތާއީދެއް ނުލިބެނެވެ. އޭގެ ފަހުން މައުމޫން ހަމީދު ވަނީ ސިޔާސީ ބައެއް ބޭފުޅުންގެ ގާނޫނީ ވަކީލުކަން ކުރައްވާފަ އެވެ. އޭގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވަ އެވެ.
ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީގެ ރައީސަކަށް މައުމޫން ހޮވިވަޑައިގެންފައިވާއިރު، ނައިބު ރައީސަކަށް ހޮވިވަޑައިގެންފައިވަނީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު އެވެ.
މިއީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން މި އިންތިހާބު ބޭއްވި ފުރަތަމަ ފަހަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވާފައިވާ ގާނޫނުގައިވާ ގޮތުން އިންތިހާބުގެ ކަންކަން ބަލަހައްޓަން ޖެހޭނީ އިލެކްޝަން ކޮމިޝަނުންނެވެ.
ގާނޫނު ބުނާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެގްޒެކެޓިވް ކޮމެޓީގެ ދައުރަކީ ތިން އަހަރެވެ.