ބާ ކައުންސިލް

ހާއްސަ ހުއްދަ އޮތް ވަކީލުން ބާ އިމްތިހާން ހަދާކަށް ނުޖެހޭނެ

ގާނޫނީ ވަކީލުކަމުގެ ހާއްސަ ހުއްދަ އޮތް މީހުން ބާ އިމްތިހާނު ހަދަން ނުޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ގާނޫނީ ވަކީލުކަން ކުރުމަށް 2020 ވަނަ އަހަރުގެ ތެރޭގައި ހާއްސަ ހުއްދައެއް ދޫކޮށްފައިވާ މީހުން ބާ އިމްތިހާން ހަދަން ނުޖެހޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިމަހު 17 ވަނަ ދުވަހު ގެނައި އިސްލާހު ރައީސް ތަސްދީގްކުރެއްވީ މިއަދު އެވެ.

އެމްއެންޕީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމު ހުށަހެޅުއްވި މިއިސްލާހު މަޖިލީހުން ފާސްކުރީ 58 މެމްބަރުންގެ ތާއިދާއެކު އެވެ.

ގާނޫނީ ވަކީލުކަން ކިޔަވާފައި ތިބި ބަޔަކަށް 2020 ވަނަ އަހަރު ވަކީލުކަން ކުރުމުގެ ހާއްސަ ހުއްދައެއް ދީފައިވަނީ ބާ އިމްތިހާނެއް ބޭއްވެންދެންނެވެ. ވަގުތީ ހުއްދަ ދިނީ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ. އޭރުވެސް މި ހުއްދަ ދިނީ ބާ އިމްތިހާނެއް ބޭއްވުން ފަސްވަމުންދާތީ ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރުމަށްފަހު އެވެ.

މިއިސްލާހު މަޖިލީހުން ފާސްކުރީ އަންނަ މަހު ބާއްވާ ފުރަތަމަ ބާ އިމްތިހާންގައި ހާއްސަ ހުއްދަ އޮތް މީހުންވެސް އިމްތިހާން ހެދުމަށް މަޖުބޫރުކޮށްފައި ވަނިކޮށް އެ އިމްތިހާންގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ބުނެ އެ މީހުން ކުރި އިހްތިޖާޖުތަކަކާ ގުޅިގެންނެވެ.

ބާ އިމްތިހާންގައި ބައިވެރިވުމަށް ކޮންމެ މީހެއްގެ އަތުން 10،000 ރުފިޔާ ނެގުމަށް ބާ ކައުންސިލުން ކުރިން ނިންމި އެވެ. ނަމަވެސް އެ އަދަދު ބޮޑު ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ބާ އިމްތިހާންގެ ފީ ވަނީ 6،500 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.