ރިޕޯޓް

އަމާނާ ތަކަފުލް ރާއްޖޭގައި ހިދުމަތް ދޭތާ 15 އަހަރު

Jul 15, 2019

ރާއްޖޭގައި އިސްލާމިކް މާލީ ނިޒާމުގެ ފެށުނީ 2003 ވަނަ އަހަރު އަމާނާ ތަކަފުލް، ސްރީލަންކާ އެޖެންސީގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުނު ހިސާބުންނެވެ. އޭގެ ދެ އަހަރު ފަހުން ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަސްމީކޮށް "އަމާނާ ތަކާފުލް މޯލްޑިވްސް" ކުންފުނި އުފެދުނެވެ. މިއީ މިހާރު މި ދެކޭ ޒަމާނީ އިސްލާމީ މާލީ ހިދުމަތްތައް ތައާރަފުވުމުގެ އެއް ސަބަބެވެ. އެ ކުންފުނިން ރާއްޖޭގައި އިސްލާމިކް އިންޝުއަރެންސުގެ ހިދުމަތް ދެމުން ގެންދާތާ މިވަނީ 15 އަހަރު ފުރިފަ އެވެ.

އަމާނާ ތަކަފުލް އަށް 15 އަހަރު ފުރުން ފާހަގަ ކުރަން މިމަހުގެ 11 ވަނަ ދުވަހު ހޮޓެލް ޖެންގައި ވަނީ ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު އެވެ. މި ހަފުލާގައި އިސްލާމިކް މާލީ ނިޒާމަށް ޕްރޮޑަކްޓްތައް ވިއްކާ ހުރިހާ ފަރާތް ތަކުން ބައިވެރިވެފައިވެ އެވެ. އަދި އެ ފަރާތްތަކުގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑު ތަކެއް ވެސް ވަނީ ދީފަ އެވެ.

މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު ނަސީރު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ހަމަތަކާ އުސޫލުތަކާ އެއްގޮތަށް ހިންގޭ މާލީ ނިޒާމެއް އޮތުމުގެ މުހިންމުކަމަށެވެ އަދި މި ދާއިރާ ކުރިމަގު ތަރައްގީކުރުމަށްޓަކައި އެމްއެމްއޭ އިން މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމާނާ ތަކާފުލްގެ މެނޭޖިން ޑިރެކްޓަރު ހަރީޒު ސުލައިމާން ވިދާޅުވީ ރާއްޖޭގެ އިސްލާމީ މާލީ ނިޒާމުގެ ހިދުމަތަށް 15 އަހަރު ފުރިގެންދާއިރު، ގިނަ ގޮންޖެހުންތަކާ ދަތި ތަކެއް ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.

"އަމާނާ ތަކާފުލް މޯލްޑިވްސްގެ ވެސް ފާއިތުވި ފަނަރަ އަހަރުގެ ދަތުރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވިފައިވާ ދަތުރެއް. ގޮންޖެހުންތަކާއެކު ވެސް ކާމިޔާބުގެ އަރުތަތަކެއް ދަނީ ހާސިލްކުރެވެމުން. ކުންފުނި މިސްރާބުކުރެވިފައިވަނީ މި ކާމިޔާބީތައް ދަމަހައްޓައި އަދި ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ދިއުމަށް،" ހަރީޒް ވިދާޅުވި އެވެ.

ރާއްޖޭގެ އިސްލާމިކް މާލީ ނިޒާމަށް 2003 ގައި އަމާނާ ތަކަފުލް ތައާރަފުވުމަށްފަހު 2011 ވަނަ އަހަރު ވެގެންދިޔައީ މި ދާއިރާގައި މުހިންމު އަހަރަކަށެވެ. އެ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ބޭންކެއް އުފެއްދުނެވެ. އަދި ޖެހިގެން އައި އަހަރުތަކުގައި އިސްލާމީ މާލީ ނިޒާމުގެ ދުވެލި ހަލުވިވެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތައް އިތުރު ވެގެންދިޔަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ވަނީ އިސްލާމީ ބެންކިންގެ ހިދުމަތްދޭން އިސްލާމިކް ވިންޑޯތައް ހުޅުވާފަ އެވެ. މި ހިސާބުން އިސްލާމިކް ފައިނޭންސްގެ ޕްރޮޑަކްޓްތައް އަމިއްލަ ބައެއް ކުންފުނި ތަކުން ވެސް ބާޒާރަށް ނެރެން ފެށި އެވެ. މިގޮތުން އެމްޓީސީސީ އާއި ލިޓަސް އަދި އެލިޔާ ފަދަ ކުންފުނިތަކުން އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓްތައް ތައާރަފު ކުރި އެވެ.

އަމާނާ ތަކަފުލްގެ ކުރިއެރުން- މުވައްޒަފުންގެ ހިތްވަރު

އަމާނާ ތަކަފުލް ކާމިޔާބީގެ އެންމެ ބޮޑު ރައުސްމާލަކީ ކުންފުނީގެ ހީވާގި މުވައްޒަފުންނެވެ. ކުންފުންޏަށް ލިބުނު ކޮންމެ ކާމިޔަބީއެއްގެ އަސްލު ގުޅިފައިވަނީ މުވައްޒިފުންގެ ބަދަހި ސަފުތަކާއި ނުގުޑާ ފަދަ އަޒުމު ކަމަށް އެ ކުންފުނިން ބުނެ އެވެ. ކުންފުނީގެ ކަސްޓަމަރުންނާއި އަދި ހިދުމަތްތައް ފޯރުކޮށްދޭ އެޖެންޓުން އަދި ޕާޓްނަރުންނަކީ ވެސް މިފާއިތުވި ކާމިޔާބު 15 އަހަރު ކާމިޔާބީގެ ހިއްސާއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.