ހަބަރު

ހަރާމް ކަމަކަށް އަރައި ނުގަނެ މުނާސަބަތުތައް ފާހަގަ ކުރުމަކީ މައްސަލައެއް ނޫން: މައުމޫން

އިސްލާމްދީނުގައި ހަރާމް ކޮށްފައިވާ ކަމަކަށް އަރައި ނުގަނެ، އެކި މުނާސަބަތުތައް ފާހަގަ ކުރުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އާ އަހަރާ ދިމާކޮށް މިރޭ ބާއްވަން ހަމަޖައްސާފައިވާ ޝޯ އާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ދަނިކޮށް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަކަށް އަރައި ނުގަނެ، ގައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އޭގެކުރިން އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މެހެމާނުންނަށް ކަމޭހިތައި، އެ މީހުންނަށް ރައްކާތެރިކަން ޔަގީންކޮށް ދިނުމަކީ އިސްލާމީ މަތިވެރި އުސޫލެއް ކަމަށެވެ

މައުމޫން އެގޮތަށް ވިދާޅުވިއިރު މިރޭ ބާއްވާ ޝޯ ގައި މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ބައިވެރިވާ ގޮތަށް ހަމަޖެއްސުމުން ބައެއް ފަރާތްތަކުން އެކަމަށް ފާޑު ކިޔާފައިވެ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޝޯން ޕޯލަށް އެ ޝޯ ގައި ބައިވެރި ނުކުރަން ގޮވާލަމުން ދަނިކޮށް ބަޔަކު އޭނާ އަށް މަރުގެ އިންޒާރު ދީ ވީޑިއޯއެއް އާންމު ކުރުމާ ގުޅިގެން އެ ޝޯ ގައި ބައިވެރިނުވާން ޝޯން ޕޯލް ވަނީ ނިންމައިފަ އެވެ.