ކުޅިވަރު

ޗެފްޑިމިޝަނާއި ބައެއް އޮފިޝަލުން ރިޔޫނިއަން އަށް

Jul 26, 2015

އަންނަ މަހު ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަން އިހުސާން އަބުދުލްގަނީ (ސާންތީ) އައި ބައެއް އޮފިޝަލުން މިއަދު ރިޔޫނިއަން އަށް ހިނގައްޖެ އެވެ.

އެޑްވާންސް ޓީމެއްގެ ގޮތުގައި ރިޔޫނިއަން އަށް ފުރި ޓީމުގެ މައިގަނޑު މަގްސަދަކީ ގޭމްސްގެ އިންތިޒާމްތައް ހުނިނެތްގޮތް ބަލައި ގޭމްސްގެ އެންމެ ފަހުގެ މައުލޫމާތު ދިވެހި ޓީމުތަކަށް ފޯރުވައިދިނުމެވެ.

ސާންތީ މިއަދު ބުނީ ގޭމްސްގައި މިވަގުތު ނުނިމި އޮތީ ހަމައެކަނި ވިސާގެ ކަންތައްތައް ކަމަށާއި އެކަން ވެސް މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގެ ކޮންޓިންޖެންޓް ރިޔޫނިއަން އަށް ފުރުމުގެ ކުރިން ހަމަޖެހޭނެ ކަމަށެވެ.

ރީޔޫނިއަންގައި އޯގަސްޓް މަހުގެ 1 އިން 8 އަށް ބާއްވާ ގޭމްސްގައި ރާއްޖޭން 10 ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އަދި ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަރުކާރުގެ ޑެލިގޭޓުން އަދި މީޑިއާއާއެކު، ރާއްޖޭން ކޮންޓިންޖެންޓްގެ އަދަދު 271 އަށް އަރަ އެވެ. މި ގޭމްސް އަށް 16 މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާއިރު ނުވަ މެޑައްޔާއި 15 މެޑައްޔާ ދޭތެރެ އަދަދަކަށް މެޑަލް ހޯދުމަށް ރާއްޖެ އުއްމީދު ކުރެ އެވެ.