ހަބަރު

ސީލައިފަށް ފައިސާ ދެއްކި މީހުނަށް ސަރުކާރުން ބަދަލުދެނީ

ސީލައިފް ގްލޯބަލް އިން ފްލެޓް އެޅުމަށް ފައިސާ ދެއްކި ފަރާތްތަކަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުގެ ބޭރުން މައްސަލަ ހައްލުކޮށްފި އެވެ.

ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރާނެ ކަމަށް އިއުލާންކޮށް މައުލޫމާތު އާންމުކުރި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީއާއި އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދަން 203 ފަރާތަކުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ސިވިލް ކޯޓުން އިއްވި ހުކުމުގައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިިވާ މީހުންނާއެކު ސެޓުލްމެޓް އެގްރީމެންޓެއްގައި ސޮއި ކޮށްފައިވާތީ މި މައްސަލައަކީ ހައްލުކޮށް ނިމިފައިވާ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައަކީ ކޯޓުން ބޭރުގައި ހައްލު ކުރެވިފައިވާ މައްސަލައެއް ކަމަށާއި އެއެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ހުކުމުގައިވާ ގޮތުން ސެޓުލްމެންޓް އެގްރީމެންޓެއް ހަދާފައިވަނީ އެޗްޑީސީއާ ސަރުކާރާއި ސީލައިފް މައްސަލާގައި ދައުވާ ކުރާ މީހުންނާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައެއްނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން ފައިސާ ދިނުމަށް ނިންމާފައިވަަނީ ދައުވާ ކުރި ފަރާތްތަކުން އެ ޕްރޮޖެކްޓް ސީލައިފަށް އެވޯޑް ކުރުމުގައި އިހުމާލުވެފައިވާކަމަށް ބުނެފައިވާތީ އެވެ. އެގޮތުން ސީލައިފް އަކީ އެވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގޭނެ ވަރުގެ ގާބިލް ކަމެއް ހުރި ކުންފުންޏެއް ނޫންކަން އެނގި ހުރެ ސަރުކާރުން އެ ޕްރޮޖެކްޓް ދިނުމާއި، އެކުންފުނީގައި ހިމެނޭ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހިއްސާ ބަދަލު ކުރުމުގެ ފުރުސަތު ދީފައިވުން ހިމެނެއެވެ.

އެނގިފައިވާ ގޮތުގައި އެމައްސަލާގައި ބަދަލުދޭންޖެހޭ ފަރާތްތަކަށް ދައުލަތުން އެއްބަސްވެފައިވަނީ ސީލައިފަށް ދޭންޖެހޭ 12 މިލިއަން ޑޮލަރުގެ ތެރެއިންނެވެ. އަދި ސީލައިފް ފްލެޓަށް ފައިސާ ދެއްކި ފަރާތްތަކަށް ހައުސިން ސުކީމްގެ ދަށުން ފުލެޓް ދިނުމަށްވެސް އެއްބަސްވެފައިވާ ކަމަށްވެ އެވެ.

ހުކުމުގައި އިތުރަށް ވަނީ، ފްލެޓަށް ދެއްކި ފައިސާ އަކީ ބަދަލު ދޭންޖެހޭ އެއްޗެއްގެ ގޮތުގައި ސީ ލައިފުން އިއުތިރާފްވެފައިވާ ކަމަށެވެ. ނަމަވެސް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ފަރުދީ ގޮތުން ޒިންމާ ނަގަން ނުޖެހޭ ކަމަށްވެސް ހުކުމުގައިވެ އެވެ.

ސީލައިފް ކުންފުނިން 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ކޮންމެ މީހެއްގެ އަތުން 50،000ރ. ނެގި އެވެ. ބައެއް ފަރާތްތަކުން އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ. ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ މީހުންގެ އަތުން ހޯދި އެވެ.

އެމައްސަލައާއި ގުޅިގެން ސީލައިފްގެ އެމްޑީ އަންމަޓީ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑް ނޯޓިސްވެސް ނެރެފައެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށްވެސް އޭނާ ފިލައިގެން އުޅޭތަން ހޯދިފައެއް ނުވެއެވެ.