ހަބަރު

"ބަދަލު ލިބުނަސް އިންސާފު ބޭނުން"

Jul 20, 2019
1

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުނަށް ސަރުކާރުން ބަދަލު ދިނުމަކީ އެކަމުގައި އިހުމާލުވި ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް އޮތް ހުރަހެއް ނޫން ކަމަށް އެ ތަނުން ފެލްޓުގަތް މީހުން ބުނެފި އެވެ.

ހުޅުމާލޭގައި ބޮޑު ސަރަހައްދެއްގައި ފްލެޓު އެޅުމުގެ މަޝްރޫއެއް ހިންގުމަށްޓަކައި ސީލައިފް ކުންފުނިން ވަނީ 203 މީހެއްގެ އަތުން ފައިސާ ނަގާފަ އެވެ. އެ ކުންފުނިން ގިނަ ބައެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000ރ. ނަގާފައިވާއިރު، ބައެއް ފަރާތް ތަކުން ފްލެޓަށް ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓު (ގާތްގަނޑަކަށް 600،000ރ. ވަރު) ވެސް ނަގާފައި ވެ އެވެ. ނަމަވެސް އެ ކުންފުނިން ފްލެޓު އަޅާ ސަރަހައްދު ކޮނެލުން ފިޔަވައި އިތުރު މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

މި މަސައްކަތް ކުރިއަށް ނުގޮސް ލަސްވަމުން ދަނިކޮށް، އެ މައްސަލަ ތަހުގީގު ކުރަން ފެށުމުން، ސީލައިފުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އައްމަޓީ) ވަނީ ފިލައިގެން ސްރީލަންކާއަށް ގޮސްފަ އެވެ. އަދި މަކަރާއި ހީލަތް ހެދި މައްސަލައިގައި އަންމަޓީ ހޯދަން ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.

ސީލައިފް ފްލެޓަށް ފައިސާ ދެއްކި މީހުން ކޯޓަށް ގޮސް، އަންމަޓީ ހޯދަން ރެޑްނޯޓިސް ނެރެފައިވަނިކޮށް، އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީއިން މި މައްސަލައިގެ ތެރެއަށް ވަދެ، ދައުވާ ކުރި 200 އަށްވުރެ ގިނަ މީހުންނަށް ބަދަލު ހޯދައިދޭން ކޯޓުން ބޭރުގައި މައްސަލަ ވަނީ ހައްލުކޮށްފަ އެވެ. ނަމަވެސް، އެކަމުގައި ގިނަ ރައްޔިތުންތަކަށް ލަނޑުދިން ބަޔަކާ ޑީލް ހަދައިގެން އެމީހުން ސަލާމަތްވާން ފުރުސަތު ދީފައިވާކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ސީލައިފުން ފްލެޓުގަތް 203 މީހުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، އެތަކެއް ރައްޔިތުންނެއް ނުކުމެ އިންސާފު ހޯދުމަށް ކުރި އާދޭހުގެ އަޑު އަހައި އެޗްޑީސީ އާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތެއް ނަމަވެސް، އެ ކަމާމެދު ސައްހަނޫން މައުލޫމާތުތަކެއް ފެތުރުމުގެ ސަބަބުން ސީދާ ކަން ހިނގާފައިވާގޮތް އޮޅުން އަރާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މާލީ ތަނަވަސްކަމާއި ގާބިލުކަންނެތް ކުންފުންޏަކަށް އެފަދަ މަޝްރޫއެއް ހަވާލުކުރުމުގައި އެޗްޑީސީގެ އިތުރުން ކުރީގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. އަދި އެކަމަށް އެޗްޑީސީއާއި މިހާރުގެ ސަރުކާރުވެސް އިއްތިފާގުވާތީ، ސީލައިފުން ފްލެޓުގަތް 200 އަށް ވުރެ ގިނަ މީހުންނަށް ލިބެންޖެހޭ ފައިސާ އެ ކުންފުނިން އެޗްޑީސީއަށް ދެއްކި އެޑްވާންސް ފައިސާ އިން އަނބުރާ ދޭން ނިންމާފައިވާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެކަމުގައި ސިވިލް ކޯޓަށް ހުށަހެޅި މަދަނީ މައްސަލަ ހައްލުވެފައިވީ ނަމަވެސް، މި މައްސަލާގައި ޝާމިލުވާ ފަރާތްތަކާ ދެކޮޅަށް ކުރަމުންދާ ޖިނާއީ ތަހުގީގު ހުއްޓިފައިނުވާކަމަށް ފުލުހުންނާ ހަވާލާދީ އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ފައިސާ އަނބުރާ ހޯދަން ކުރި ދައުވާގެ މައްސަލަ ހައްލުވި ނަމަވެސް، ޖީނާއީ ދައުވާ ކުރުމަށް ހުރަހެއްނެތް ކަމަށްވެސް އެ މީހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވެ އެވެ.

"އަދި ގެއްލުން ލިބިފައިވާ ފަރާތްތަކުން ބޭނުންވަނީވެސް އެ ފަރާތަކަށް އިންސާފުގެ ކުރި މައްޗަށް ގެނެސް އެ ފަރާތަކަށް ޒިންމާކުރުވުމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސީލައިފުން ފްލެޓުގަތް މީހުންނަށް ނަމަވެސް، ސީފައިލް ފްލެޓު ގަތް މީހުންނަށް ބަދަލު ދިނުން މަޑުޖައްސާލަން، އެސެޓް ރިކަވަރީ ކޮމިޝަނުން އެޗްޑީސީ އަށް މިހާރު ވަނީ އަންގާފަ އެވެ.

އެކަމާ ގުޅިގެން، އެ ބަޔާނުގައި ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފަ އެވެ.

ސީލައިފުން ވަނީ ފްލެޓު އެޅުމުގެ މަޝްރޫއެއް 2008 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ވެސް ހިންގަން ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ފަހަރު ވެސް ފްލެޓު އެޅޭ ގޮތެއް ނުވި އެވެ. އެ ފަހަރު 80 ހައުސިން ޔުނިޓް އަޅަން ސީލައިފާއެކު ހެދި އެއްބަސްވުން 2011 ގައި އުވާލިއިރު، 12 މިލިއަން ޑޮލަރުގެ ސެޓެލްމަންޓް އެއްބަސްވުމެއް ސަރުކާރުން ހަދައި، އެ ފައިސާ ނުދިން ކަމަށް ބުނެ ވަނީ ދައުވާކޮށްފަ އެވެ.