އަބަދުވެސް ދިވެހި ސިނަމާއަށް އާ ރަހައެއް ފޯރުކޮށްދޭ ރަވީ ފާރޫގު މިފަހަރު އައީ "އެހެނަސް" އާއެކު އެވެ. އެހެނަަސްއަކީ ވެބް ސީރީސްއެކެވެ. ބައިސްކޯފުން ދައްކާ މި ސީރީސް އިއްޔެ ޕްރައިމިއާކޮށްފައިވާއިރު ފަސް އެޕިސޯޑް ވަނީ އޮލިމްޕަހުގައި ހޮވާލެވުނު އޯޑިއެންސްއަކަށް ދައްކާފަ އެެވެ.
އެހެނަސް، މި ސީރީސްއަކީ އަހްމަދު އިގުބާލު (އައިކިއު)ގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށްފައިވާ ސީރީޒެކެވެ. މީގައި ފެނިގެން ދަނީ ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފިރިހެނެއްގެ ވާހަކަ އެހެން ކެރެކްޓާތަކާ ގުޅިގެންދާ ގޮތެވެ.
ފަސް އެޕިސޯޑަށް ބަލާއިރު ސީރީޒްގެ ލީޑް އެކްޓާ މުހައްމަދު ވިޝާލްގެ އެކްޓިން ވަރަށް ފާހަގަ ކޮށްލެވެ އެވެ. ނިޔާޒުގެ ކެރެކްޓާއާއެކު ވިޝާލް ފިލްމީ ދާއިރާއަށް އެޅި ފުރަތަމަ ފިޔަވަޅަކީ ވަރަށް އުއްމީދީ ފިޔަވަޅެކެވެ. ހަމަ އެގޮތަށް ދެން ފެންނަ އާ ތަރިންގެ އެކްޓިން ވެސް ރަވީ ގެނެސްދީފައި ވަނީ ފުރިހަމަކޮށެވެ.
އާ ތަރިންގެ އިތުރުން މަންމަގެ ރޯލުން ފެނިގެންދާ ޝީލާ ނަޖީބަށް އޯޑިއެންސްގެ ސަމާލުކަން ހުއްޓުނެވެ. މިފަހުން ތަފާތު ރޯލުތަކުން ފެންނަ ޝީލާގެ އެކްޓިން ވަަރަށް ނެޗުރަލްކަން އެންމެން ވެސް ފާހަގަކުރި އެވެ. އެންމެންނާ ވެސް އެ ކެރެކްޓާ ވަރަށް ބޮޑަށް ގުޅުނެވެ.
ފެށިގެންދާއިރު ހިނި އަންނަ މަންޒަރުތައް ވެސް ފެނިގެންދިޔަ އެވެ. އެކަމަކު، ހައިލައިޓަކީ އަސަރުގަދަ މަންޒަރުތަކެވެ. ވާހަކައިގެ އަސަރުގަދަ ކަމާއި ކެރެކްޓާތަކުގެ އެކްޓިންގެ އަސްލު ކަމުން އޯޑިއެންސް އެތައް ފަހަރަކު ރޮއްވާލި އެވެ. ޖިންސީ ފުރައްސާރައާ ދެކޮޅަށް ވަރުގަދަ މެސެޖެއްދޭ މި ސީރީޒުން ގިނަ ބައެއްގެ ހިތާ ކުޅެލި އެވެ.
ފަސް އެޕިސޯޑު ބަލާލުމަަށްފަހު ގިނަ މީހުން އޮލިމްޕަހުން ނިކުތީ ފިލްމަށް ތައުރީފު ކުރަމުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މުޖުތަމައުގައި ހިނގާ އިޖުތިމާއީ މައްސަލަތަކެއް ފިލްމަކުން ފެނުމުން ގިނަ މެސެޖްތަކެއް ލިބޭ ކަމަށެވެ. ޕްރިމިއާ ކުރަން ބޭއްވި ޝޯގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވި ގޮތުގައި މި ސީރީސްއިން މުޖުތަމައުގައި ހިނގާ މުހިއްމު މައްސަލަތައް އަސަރުގަދަ ގޮތަކަށް ގެނެސްދީފަވާ ކަމަށާއި އަލަށް ފިލްމީ ދާއިރާއަށް ނިކުތް ފަންނާނުންގެ މޮޅު އެކްޓިން މި ސީރީސް އިން ފެނިގެންދިޔަ އެވެ.
މި ވެބްސީރީޒްގެ ޑައިރެކްޓަރު ރަވީ ފާރޫގް މި ސީރީީސް ފާހަގަކުރީ މުޖުތަމައަށް ދޭ ފިލާވަޅެއް ގޮތުގައެވެ. އެންޓަޓައިން ކުރުމުގެ ބަދަލުގައި މި ސީރީސް އިން މުޖުތަމައުގެ މައްސަލަަތައް ހުރިހާ ވައްތަރެއްގެ ރަހަތަކާއެކު ހިމެނިގެންދާ ސީރީސް އެއް ކަމަށެވެ.
ރަވީ ބުނީ މި ސީރީސްގެ ފުރަތަަަމަ ސީޒަންގައި 10 އެޕިސޯޑު ހިމެނޭނެ ކަމަށާއި ދެވަނަ ސީޒަން މި އަހަރު ފަހު ކޮޅު ފެނިގެން ދާނެ ކަމަށެވެ. އަދި މިހާރު ބައިސްކޯފުން ފުރަތަމަ ސީޒަންގެ އެޕިސޯޑުތައް ފެނިގެންދާނެ ކަމަށެވެ.