ހަބަރު

ވިސްލްބްލޯ ކުރާ މީހުންނަށް ހިމާޔަތްދޭ ބިލު ބަލައިގެންފި

Jul 17, 2019
2

ވިސްލްބްލޯ ކުރާ ފަރާތްތަކަށް ހިމާޔަތް ދޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ސަރުކާރު ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ އެ ބިލު ބަލައިގަތުމާ މެދު މަޖިލީހުގައި މިއަދު ނެގި ވޯޓު ފާސްވީ 75 މެންބަރުންގެ އިއްތިފާގުންނެވެ. އެހެން ކަމުން ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވަން ނިންމެވި އެވެ.

އެ ބިލުގައިވާ ގޮތުން އިންސާނީ ހައްގަކަށް އަރައިގަންނަ ކަން އެނގުމާއި، ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމުގެ މައުލޫމާތާއި، ހިޔާނާތާއި މަގާމްގެ ނުފޫޒު ފޯރުވުމުގެ މައްސަލައެއް ނުވަތަ ތިމާވެއްޓަށް ގެއްލުންވާ ފަދަަ ކަމެއް ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަން ހާމަ ކުރާ ފަރާތްތަކަށް ހިމާޔަތްކަން ލިބޭނެ އެވެ.

އެ ފަރާތްތަކަށް ގާނޫނީ ގޮތުން ރައްކާތެރިކަން ލިބޭ އެތަށް ކަމެއް ބިލުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ބިރު ދެއްކުމާއި ވަޒީފާ އިން ވަކި ކުރުމާއި އެހެނިހެން ގޮތް ގޮތުން ވެސް އެކަހެރި ކުރުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ވިސްލްބްލޯ ގާނޫނެއް އެކުލަވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.