ބޮލީވުޑްގެ ސުޕަސްޓާ ޝާހުރުކް ހާން ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަތުވެއްޖެ އެވެ.
ޝާހުރުކް ރާއްޖެ އައިސްފައި ވަނީ އޭނާގެ އާއިލާއާއެކު އެވެ. މިއަދު ހެނދުނުގެ ވަގުތު މޫސުން ގޯސްވެފައި ވަނިކޮށް ވެލާނާ އެއާޕޯޓްގައި ހަގު ދަރިފުޅު އަބުރާމް އަތުގައި ހިފައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން އޭނާ ދޮށީ ދެ ކުދިން ކަމަށްވާ ސުހާނާ އާއި އާރްޔަން ވެސް ފެނެ އެވެ.
އޭނާ ޗުއްޓީ ހޭދަކުރުމަށް މަޑު ކުރަން ހަމަޖެހިފައި ވަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.
އާންމުކޮށް ޝާހުރުކްހާންއަކީ ސޯޝަލް މީޑިއާގައި ވަަރަށް އެކްޓިވް ތަރިއެއް ނަމަވެސް އަދި ޗުއްޓީއާ ގުޅޭ ގޮތުން އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ޝާހުރުކްހާން މީގެ ކުރިން ވެސް ޗުއްޓީ ހޭދަ ކުރުމަށް ރާާއްޖޭގެ ރިސޯޓްތަކަށް އައިސްފައިވެ އެވެ.
ރާއްޖެއަކީ މިހާރު ބޮލީވުޑް ތަރިންގެ އެންމެ މަގުބޫލް އެއް މަންޒިލެވެ. މިހާރުގެ އެންމެ މަޝްހޫރު ތަރިންނުން ފެށިގެން ކުރީގެ ތަރިން ވެސް ވަރަށް ގިނައިން ރާއްޖެ އާދެ އެވެ.