ހަބަރު

ބޯކޮށް ވާރޭވެހޭނެ، އުދައިގެ އަސަރު އަރާނެ

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ތެރޭގެ އަތޮޅުތަކުގެ ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކޮށްފައިވާ ގޮތުގައި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގައި ވައި ޖެހޭނެ އެވެ.

ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވާން މެޓް އޮފީހުން ވަނީ އެދިފަ އެވެ.

މޫސުން ގޯސް ވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްރަށަށް އެކިވަރުގެ ގެއްލުންތައް މި ދުވަސްވަރު ކޮންމެ ދުވަހަކުވެސް ލިބެމުން ދެއެވެ.