މި އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރާ ހަރަކާތްތަކުގައި މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބަރު ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
މިނިވަން ދުވަހާ ގުޅުވައިގެން ފުޅަނދު ބުރު މިފަހަރު ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަށްފަހު އެވެ.
މިނިސްޓްރީން ބުނީ ޖުލައި 26 އާ ގުޅުވައިގެން ފުޅަނދު ބުރު ބާއްވާނީ މާލޭގެ މަޖީދީމަގާއި ސޯސަންމަގާއި އަމީރުއަހުމަދު މަގާއި ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ. ފުޅަނދުތަކުގައި ކުރިއަށްގެންދާ ކުޅިވަރުތައް އާއްމުންނަށް ދައްކާލުން އޮންނާނީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގަ އެވެ. ފުޅަނދުތައް ތައްޔާރުކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.
މިނިވަންދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާ ކުޅިވަރު އޮންނާނީ ޖުލައި 26 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގަ އެވެ. ކުޅިވަރުތަކުގައި ވިލިމާލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ހަ ސްކޫލަކުންނާއި ސިފައިން ބައިވެރިވާނެ އެވެ.