ރާއްޖެ ކުޅިވަރު

މިނިވަން ފަންސާހުގެ ހިނިތުންވުން ކުޅިވަރުގެ ތަރިންނާނުލައި

Jul 27, 2015
2

ގައުމީ ކަންކަމުގައި ކުޅިވަރުގެ ވިސްނުމަކުން ވަރަށް ގިނަ ފަހަރު އަޅުގަނޑަށް ވިސްނާލެވެ އެވެ. ކުޅިވަރުގައި އުޅޭ މީހުން ގައުމަށް ކޮށްދިނީ ކޮންކަމެއްތޯ އާއި އެމީހުންގެ ހަރަކާތްތަކަށް ފާރަވެރިވެވެ އެވެ. އެމީހުން ދަނީ ކޮންތަނަކަށްތޯ އާއި ނުގޮސްތިބީ ކީއްވެކަމާމެދު ވެސް ފިކުރުކޮށްލެވެ އެވެ.

ފާއިތުވެދިޔަ 50 އަހަރަށް ބަލާއިރު މި ގައުމު އެންމެ ބޮޑަށް ހިނިތުންކޮށްދިނީ ކުޅިވަރުގެ ތެރެއިންނެވެ. ހާއްސަކޮށް ފުޓްބޯޅައިންނެވެ. އެތައް އަހަރެއް ވަންދެން ދިވެހިން ފުޓްބޯޅައިން ތައްޓަކަށް ކުރި އުއްމީދުތައް 2008 ވަނަ އަހަރު ހަގީގަތަކަށް ހަދައިދިނީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުންނެވެ. ލަންކާގެ ސުގަތަދާސާ ސްޓޭޑިއަމުގައި 14 ޖޫން 2008 ވަނަ އަހަރު ކުޅުނު ސާކް ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖެ ކާމިޔާބުކުރީ ފައިނަލްގައި މުހުތާރު ނަސީރު (ޓޫކިލޯ) ޖެހި ހަމައެކަނި ލަނޑުންނެވެ.

މީގެ ހަތް އަހަރު ކުރިން ހޯދި އެކާމިޔާބީއަކީ މިއަދު މުޅި މާލެ ދިއްލައިގެން މިނިވަން50ގެ ރަންޔޫބީލް ފާހަގަ ކުރަމުންދާއިރު އަޅުގަނޑު ހިތުން އަދި ބަޔަކު ހަނދާންނެތޭހާ ދުރު މާޒީއެއްގައިވީ ކަމެއްނޫނެވެ. ހަގީގަތުގައި އެއީ ބައިބައިވެފައި އޮތް ދިވެހި ގައުމު މިހާތަނަށް އެންމެ ބޮޑަށް އެކުވެރިކޮށްދިން ގައުމީ ހަރަކާތެވެ. ސިޔާސީ ކޯޅުންތަކާހެދި ރީނދުލާއި ނުލާއި، ރަތާއި ފެއްސަށް ބެހި،ވިއްސިވިހާލިވެފައި ތިބި ދިވެހިން މިއިން އެއްވެސް ކުލައަކަށް ބެލުމެއްނެތި ކޮނޑާކޮނޑުޖައްސައިގެންތިބެ ގައުމީ ކުލައިގައި އެދުވަހު މުޅިރާއްޖޭގެ މަގުތައް ފުރާލީ "ކުޅިފިސާރި ޖޯޝުގާ ދިވެހިން މޮޅުވެއްޖެޔޯ،" ކިޔަމުންނެވެ. ޓީމުގެ ކޮންމެ ކުޅުންތެރިއަކާއެކު އަތާއަތްގުޅުވާލައިގެން ތިބެ ފޮޓޯނަގައި ފޯނުގައި ރައްކާކުރީ "ތިޔަކުރި ހިތްވަރަކުން ގައުމު ވިދާލައިފިޔޯ،"އޭ ވެސް ބުނަމުންނެވެ. އެންމެހާ ސިޔާސީ ފަރާތްތަކުން ވެސް ގައުމީ ޓީމުގެ ކުޅުންތެރިން ފަހަތުން ދުވެ އުފާފާޅުކުރީ "ސާބަހޭ، ސާބަހޭ، ގައުމީ ޓީމަށް ޝުކުރިއްޔާ،" ބުނަމުންނެވެ.

ފުޓްބޯޅައިގެ މި ތާރީހީ ކާމިޔާބީގެ އިތުރުން ވެސް ކުޅިވަރުގެ ތަރިން ވަނީ އެތައް ފަހަރަކު ގައުމު ހިނިތުންކޮށްދީފަ އެވެ. ހަގީގަތުގައި މިފަދަ ކާމިޔާބީތައް ކުޅިވަރުގެ ތެރެއިން ހޯދާފައިވަނީ ކުޅުންތެރިންނާއި އޮފިޝަލުން އެތަކެއް ގުރުބާނީތަކެއް ވެގެންނެވެ. އާއިލާއާ ދުރުގައި ގައުމީ ޓީމާއެކު އެތައް ދުވަހެއްވަންދެން ތިބެގެންނެވެ. ގައުމަށްޓަކައި ކޮންމެ ދުވަހަކު އެތައް ދަލެއް އޮހޮރުވައިގެންވެ. ބައެއް ފަހަރު ބޮޑެތި އަނިޔާތައް ވެސް ވެފައިތިބެ އެވެ. ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން މުސާރަދޭން ފެށީ ވެސް އިހަށްދުވަހު އެވެ. ކަންމިހެންއޮތްއިރު ކުޅުންތެރިންނާއި ގައުމީ ޓީމު ބޭނުންކޮށްގެން ސިޔާސީ އެޑްވާންޓޭޖްވެސް އެންމެވެސް ނަގަ އެވެ. އެކަމަކު ގައުމަށްޓަކައި އެކުޅުންތެރިންވި ގުރުބާނީތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަން ކުރެވޭތޯ މިއީ ވަރަށް ބޮޑު ސުވާލެކެވެ.

ދިވެހިރާއްޖެ އަށް މިނިވަންކަން ލިބުމުގެ ރަންޔޫބީލް ހަފުލާއިން އަޅުގަނޑު މި ސުވާލުގެ ޖަވާބު ލިބުނެވެ. އެ ދަރުބާރަށް ގޮސްތިބި މީހުންގެ ތެރެއިން "ކުޅިވަރުގެ ޝަހުސިއްޔަތެއް" ނުފެނުމުން ދިވެހިންނަކީ ވަރަށް އަވަހަށް ހަނދާންނެތޭ ބައެއް ކަމަށް ބުނާ ވާހަކައިގައި ހަގީގަތެއްވާކަން ގަބޫލުކުރީމެވެ. ރަންމެޑަލް ހޯދި ފުޓްބޯޅަ ޓީމުގެ ތިން މީހަކު ހަފުލާގައި ތިއްބަސް އެމީހުން ގޮސްތިބީ ކުޅިވަރުގެ ބައެއްގެ ގޮތުގައެއްނޫނެވެ. މެނޭޖަރު މުހައްމަދު ހާނިމް ހޯމް މިނިސްޓްރީގެ ވަޒީފާގެ ހައިސިއްޔަތުންނެވެ. ޑރ. އަހުމަދު ޝަކީބް ޔޫތު މިނިސްޓްރީގެ ވަޒީފާގެ ހައިސިއްޔަތުންނެވެ. ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީހުގެ އދ. މަހިބަދޫ ދާއިރާގެ މެމްބަރުގެ ގޮތުންނެވެ.

މިހެންވެ ގާތް ރަހުމަތްތެރިއަކަށް މެސެޖްކޮށް ކޮބާތޯ ބެލީމެވެ. މެސެޖަށް ޖަވާބުފޮނުވުމުގެ އިތުރަށް އޭނާ ވަގުތުން ފޯނު ވެސް ކުރި އެވެ.

"ނުލިބޭ ދައުވަތެއް. އަހަރުމެންނަށް އަދި ގައުމަކަށް ކަމެއްކޮށް ނުދެވެނީހެން ހީވަނީ. އެހެންނޫންނަމަ އެންމެ ކުޑަމިނުން މިތަނަށް (ރޭގެ ޖަލްސާއަށް) ދައުވަތުދޭނެއެއްނު. ގައިމު ތިތަނަށް ގޮސްތިބި މީހުންނަށް ބަލާއިރު އަހަންނަށް ހީވަނީ ގެންދަން މާހައްގު މީހުން އެބަތިބިހެން،" ރަންމެޑަލް ހޯދި ގައުމީ ފުޓްބޯޅަ ޓީމުގެ ވަރަށް ސީނިއާ ކުޅުންތެރިއަކު އޭނާގެ އިހުސާސްތައް ވަގުތުން ބޭރުކޮށްލިއެވެ.

ރޭގެ ހަފުލާ ހިނގަމުންދިޔައިރު ރަންމެޑަލް ހޯދައިދިން ކެޕްޓަން އައްސަދު އަބުދުލްގަނީ އިނީ ގޭގަ އެވެ. ގައުމު އެކުޅުންތެރިއަކަށް އަބަދުމެ ފަހުރުވެރިވާކަމަށް ބުނާ އަލީ އަޝްފާގް (ދަގަނޑޭ) އަށް ވެސް ނެތެވެ. ކީޕަރު އިމްރާނު މުހައްމަދާއި އެނޫން ވެސް ކުޅުންތެރިން ތިބީ ޓީވީން މިނިވަންދުވަހުގެ އިހްތިފާލު ބަލާށެވެ. މެލޭޝިޔާގައ ދިރިއުޅުނަސް ހުސްވި ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަމޫސަ) ވެސް މިވަގުތު މާލޭގައި އެބަހުއްޓެވެ.

ދެން އޮތް ސުވާލަކީ މިމީހުންނާ މިނިވަން50 ކީއްހެއްޔެވެ؟ ދައުވަތުދޭން ޖެހޭ ހެއްޔެވެ؟ މިސުވާލުތައް ހިތަށް ގެންނަ ކޮންމެ މީހަކަށް ވެސް ދޭން އޮތީ އެންމެ ޖަވާބެކެވެ. ގައުމީ ބޮޑެތި އިހްތިފާލްތަކަކީ ސިޔާސީ މީހުން އެކަނި ދާން ޖެހޭ ތަންތަނެއްނޫނެވެ. ރަށްރަށުގައި ތިބި ކައުންސިލަރުންނަށް ޓިކެޓްދީގެން މާލެ ގެންނަންވީ ކަމެއް އެކަންޏެއްވެސް ނޫނެވެ. އެއްވެސް ކަމެއް ނުކޮށްތިބޭ ކޯޑިނޭޓަރުންނާއި ހިހޫތަނުން ކައިގެން އުޅޭ ސިޔާސީ އެކްޓިވިސްޓުންނަށް ދައުވަތުދޭއިރު އަލީ އުމަރާއި އައްސަދާއި ސޮބާ، ޖަމީލް އަދި އިއްސޭ އާއި ދަގަނޑޭ އަދި ޓޫކިލޯ އާއި އިމްރާނު ފަދަ ގައުމު ފަހުރުވެރިކޮށްދިން ކުޅުންތެރިންނަށް ވެސް ދައުވަތުދޭން ޖެހޭނެ އެވެ. އެމީހުން ގެންދިޔަނަމަ މަންޒަރު މާފުރިހަމަވާނެ އެވެ. އެމީހުން ދަންނަ މީހުންނާއި އެމީހުންނާ ބައްދަލުވުމުން  އުފާވާނެ މީހުން މާގިނަވާނެ އެވެ. ކޮންމެ ކޯޑިނޭޓަރަކު ސިޔާސީ ޝަހުސިއްޔަތަކާއެކު ސެލްފީ ނަގަން ދުވިގޮތަށް، ދަގަނޑޭ ފަހަތުން ވެސް ދުވާނެ މީހުން މާގިނަވާނެ އެވެ. މިނިވަން ފަންސާހުން ކުޅިވަރުގެ ތަރިންނަށް ސުމެއް ދިނަސް ހަގީގަތުގައި މިރަންޔޫބީލްގެ ހިނިތުންވުން އެ ތަރިންނާވެސް ގުޅިލާމެހިފަ އެވެ. ކުޅިވަރާ ބެހޭ މިނިސްޓްރީ ވެސް މިކަން ހަނދާން ނައްތާލުނާށެވެ.