މި ސަރުކާރުން އެކުލަވާލަން މަސައްކަތް ކުރަމުންދާ ގައުމީ ތަރައްގީގެ ޕްލޭނަށް ދެން އަންނަ އެއްވެސް ސަރުކާރަކަށް ބޮޑެތި ބަަދަލުތަކެއް ނުގެނެވޭ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރީގެ ސަރުކާރުން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް ޖަމާ ކުރުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ ސަރަހައްދީ ތަރައްގީގެ ސިޔާސަތެއް ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރަށް ތަރައްގީގެ ސިޔާސަތުތައް މި ގޮތަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ދެން އަންނަ ސަރުކާރަކުން ވެސް މި ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ޕްލޭން ކުރިއަށް ގެންދަން ޖެހޭ ގޮތަކަށް ކަންކަން ހަމަޖައްސަން ޖެހޭނެ ކަމަށެވެ.
"[ސަރުކާރު ބަދަލުވާ] ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް ކޮމްޕްލީޓް ޔޫ ޓާނެއް ނެގުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމަކަށް ނުދެކެން. އެހެންވެ ޕްލޭނަށް ބޮޑެތި ބަދަލުތައް ނުގެވޭނެ މިންވަރަށް މި ކަން ކުރުމަށްޓަކައި މަސައްކަތް ކުރަން މި ދަނީ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
ދެން އަންނަ ސަރުކާރަކުން ތަރައްގީގެ ޕްލޭނަށް ބޮޑެތި ބަދަލުތައް ނުގެނެވޭ ގޮތަށް ހަމަޖައްސަން ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޕްލޭން ތަންފީޒުކޮށް ގިނަ މަސައްކަތްތައް ކުރިއަށް ގެންދިއުމުން އެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ދެން އަންނަ ސަރުކާރަކަށް ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
އަދި ވިދާޅުވީ ގާނޫނަކުން އެ ކަން ލާޒިމު ކުރަން ޖެހޭނަމަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ވެސް ތާއީދު ކުރައްވާ ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ދައުރު ނިމިގެން ދާން ވާއިރަށް ސަރަހައްދީ ތަރައްގީގެ ޕްލޭން ރާއްޖޭގައި އިމްޕްލިމެންޓް ކުރަން އަޅަން ޖެހޭ ފައުންޑޭޝަން އަޅުގަނޑުމެން އެޅުން. ޕްލޭން ބަދަލުނުވާނެ މިންވަރަށް އެކަން ކުރުން. ގާނޫނަކުން މި ކަން ކުރަން ޖެހޭނަމަ ރައްޔިތުންގެ މަޖިލީހުން އެ ކަމާ މެދު ވިސްނާލުމަކީ ވެސް ރަނގަޅު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ޕްލޭން ހާމަ ކުރައްވަމުން އަސްލަމް ވިދާޅުވީ މުޅި ރާއްޖެ ތަރައްގީ ކުރާނީ މައިގަނޑު ފަސް ރީޖަނަކާއި ނުވަ ސަބް ރީޖަނަކާއި އިތުރު ފަސް އާންމު ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ. އެ ގޮތުން މައިގަނޑު ފަސް ރީޖަންގައި ސެންޓްރަލް ހަބެއްގެ ގޮތުގައި ރަށެއް ތަރައްގީކޮށް ބައެއް ހިދުމަތްތައް ރީޖަންގެ އެކި ރަށްތަކަށް ބަހާލައިގެން މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ ސަރަހައްދުތަކާއި ރަށްތައް އިއުލާން ކުރާނީ ގައުމީ ތަރައްގީގެ ޕްލޭނާއެކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރީޖަންގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުގައި ހިމެނޭ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށްޓަކައި ޔޫއެންޑީޕީގެ އެހީގައި "ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓް ސިސްޓަމް" އެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވި އެވެ. ފަސް އަހަރު ނިމެންވާއިރަށް އެ ޕްލޭން ތަންފީޒުކުރެވިއްޖެނަމަ ދެން އަންނަ ސަރުކާރަކަށް ޕްލޭން ބަދަލު ކުރަން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ މާނައަކީ އަޅުގަނޑުމެން މި ދެންނެވި ޒޯންތައް އިއުލާންކޮށް އެ ތަނަށް ގެންނަން ޖެހޭ އަސަސީ ހިދުމަތްތައް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފަށައިގަނެ، ޓްރާންސްޕޯޓްގެ ކަންކަން ފެށީމަ ދެން އަންނަ ބައަކަށް އުނދަގޫވާނެ މި ކަންކަން ބަދަލު ކުރަން." އަސްލަމް ވިދާޅުވި އެވެ.