މި ސަރުކާރުން އަވަސް އަރުވާލައިގެން އެއްވެސް މަޝްރޫއެއް ނުހިންގާނެ ކަމަށާއި ސަރުކާރުން މަޝްރޫއުތައް ހިންގާނީ އެ ކަމަށް ކުރަން ޖެހޭ ޕްލޭންތައް ކުރަން ވަގުތު ލައިގެން ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރަން ރައީސް އޮފީހުގައި އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުން އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުން ލަސްވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ފާޑުކިޔުންތަކަށް ކަންބޮޑުވެވަވަޑައިނުގަންނަވާ ކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މިދިޔަ ސަރުކާރުގެ ފަސް އަހަރު ކަން ހިނގި ގޮތަށް ބަލާއިރު، ޕްލޭނެއް ނެތި މަޝްރޫއުތައް ހިންގުމުގެ ސަބަބުން ފައިދާ ވުމުގެ ބަދަލުގައި ލިބުނު ގެއްލުންތައް ގިނަ ކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަނީ މަޝްރޫއުތައް ޕްލޭން ކުރުމަށާއި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަން ދޭން ޖެހޭ ވަގުތު ދީގެން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.
"ޕްލޭންތައް ކުރަން އެ ދޭން ޖެހޭ ވަގުތު ދީފައި މަސައްކަތް ފެށުމުން ނޫނިއްޔާ އަޅުގަނޑުމެންނަށް ނަތީޖާއެއް ނުފެންނާނެ. އޭގެ ސަބަބުން ރާއްޖެއަށް އަސްލު ވާނީ ފައިދާއެއް ނޫން. ކޮންމެ ވެސް ކަންތައްތަކެއް ކުރާ ތަން ފެނިދާނެ. އެހެން ނަމަވެސް އެ ކަން ރަނގަޅު ގޮތުގައި ނުކުރެވޭނެތީވެ އެ ނަގަން ޖެހޭ ވަގުތު ނަގަމުން މި ގެންދިޔައީ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު ގިނަ މަޝްރޫއުތަކުގެ ޕްލޭން ނިމި، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރަން ފަރާތްތަކާ ހަވާލު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާތްގަނޑަކަށް މަސް ދުވަސް ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ނިމި ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވާނެ ކަމަށެވެ.
"މިހާރު މަސައްކަތްތައް ކޮންޓްރެކްޓް އައުޓް ކުރަމުން އެވޯޑް ކުރަމުން ޕްލޭންތައް ވެސް ނިމެމުން މިދަނީ. މި ކަންތައްތައް އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް، މި ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ރާވަފައި ހުރި ކަންތައްތައް ރާވާފައި ހުރި ތަރުތީބުން ކުރިއަށް ދާނެ." އަސްލަމް ވިދާޅުވި އެވެ.
އޭގެ އިތުރުން ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބައެއް ބިޔަ އުމްރާނީ މަޝްރޫއުތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަޝްރޫއާއި، މާލެ-ވިލިމާލެ-ގުޅީފަޅު-ތިލަފުށި ގުޅުވާލުމުގެ މަޝްރޫއު ފާހަގަކުރެއްވި އެވެ. އެ މަޝްރޫއުތަކުގެ ކޮންސެޕްޓް ޑިޒައިނެއް އެބައޮތް ކަމަށާއި އިތުރަށް ތަފުސީލު ކުރަން ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް 34 މަޝްރޫއެއް ހަވާލު ކުރެވިފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ފެނުގެ ތިން މަޝްރޫއަކާއި ނަރުދަމާގެ މަޝްރޫއަކާއި ފެނާއި ނަރުދަމާގެ 11 މަޝްރޫއަކާއި، މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ބަނދަރު ހެދުމުގެ 11 މަޝްރޫއެކެވެ.
އޭގެ އިތުރުން ވެސް އެފަދަ ބައެއް މަޝްރޫއުތަކާއި ބައެއް ރަށްތައް ކޯޒްވޭއަކުން ގުޅުމުގެ މަޝްރޫއުތައް ވެސް ސަރުކާރުން އިއުލާން ކުރި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.