ހަބަރު

މިނިސްޓަރު އާތިފާއާ މާދަމާ މަޖިލީހުގައި ސުވާލު ކުރަނީ

ރައްޔިތުންގެ މަޖިލީހުގައި މާދަމާ ބާއްވާ ޖަލްސާއަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ހާޒިރު ކުރަން ނިންމައިފި އެވެ.

މިނިސްޓަރު އާތިފާ މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އެދިވަޑައިގެން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. މިނިސްޓަރާ ސުވާލު ކުރަން އަފީފު ހުށަހެޅުއްވީ ވިލުފުށީގައި އަޅާ 100 ހައުސިން ޔުނިޓާ ގުޅޭ ގޮތުންނެވެ.

އެ ގޮތުން އެ 100 ހައުސިން ޔުނިޓްގެ ތެރެއިން 64 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާއި މިހާރު ކޮންޓްރެކްޓާ މަސައްކަތް ހުއްޓާލާފައިވާތާ ގިނަ ދުވަސްތަކެއް ވުމުން އެ މަސައްކަތް އަލުން ފެށޭނީ ކޮންއިރަކުތޯ ސާފުކޮށް ދިނުމަށް އަފީފުގެ ހުށަހެޅުއްވުމުގައިވެ އެވެ. އަދި އެ ޔުނިޓްތައް ފަރުމާ ކޮށްފައިވާ ގޮތުން ރައްޔިތުންގެ ޝަކުވާތައް ހުރުމުން އެ ކަމަށް ހައްލެއް ގެންނަން ސަރުކާރުން ކުރާ މަސައްކަތް ސާފުކޮށް ދޭން ވެސް އަފީފު ހުށަހަޅުއްވާފައިވެ އެވެ.

މިއީ މިިދިޔަ މެއި މަހުގެ ފަހުކޮޅު ހުވާ ކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު އާތިފާ ހާޒިރު ކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު އާތިފާ ވަނީ ހާޒިރުކޮށްފަ އެވެ. އާތިފާއާ އޭރު ސުވާލު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މި ސަރުކާރުން އެއްވެސް ބަދަލެއް ގެންނަން ނިންމާފައިވޭތޯ އެވެ.