އެންއައިސީ

އެންއައިސީއަށް ކުރިމަތިލާން އަލުން ހުޅުވާލަން މަޖިލީހުން ނިންމައިފި

Jul 22, 2019
1

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް މިހާރު ކުރިމަތިލާފައި މީހުންގެ ތެރެއިން ނަމެއް ފާސްކުރުމުގެ ބަދަލުގައި އެ ކޮމިޝަނަށް އަލުން ކުރިމަތިލާން ހުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސީލިހަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލި މީހުންގެ ނަންތައް ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މީގެ ކުރިން ވަނީ އަލުން ކޮމިޓީއަށް ފޮނުވާފަ އެވެ. ކޮމިޓީއަށް އެ ރިޕޯޓު އަލުން ފޮނުވުމުން ކޮމިޓީގެ މެންބަރުން ނިންމެވީ މަޖިލީހުގެ ތަޅުމަށް ފެންނަ ގޮތަކަށް އެކަން ނިންމުމަށެވެ.

އެކަމާ ގުޅިގެން މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވީ އެންއައިސީގެ މެންބަރު ކަމަށް އަލުން ކުރިމަތިލާން ހުޅުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ މަޖިލީހުން ލަފާ އަރުވާށެވެ. އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރެވެ.

އާޒިމްގެ އެ ހުށަހެޅުއްވުން މަޖިލީހުގެ ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

އެންއައިސީގެ ރައީސް ކަމުގައި ކުރިން ހުންނެވި މުހައްމަދު ފަރުހާދު އެ ކޮމިޝަނުން އިސްތިއުފާ ދިނުމާ ގުޅިގެން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން މީގެ ކުރިން ހުޅުވާލި ފުރުސަތުގައި 26 މީހަކު ކުރިމަތިލި އެވެ.

އޭގެ ތެރެއިން ކޮމިޓީ މަރުހަލާގައި އެންމެ ގިނަ މާކްސް ދިނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ މެންބަރު ރުކްޝާނާ އިބްރާހިމަށެވެ. ރުކްޝާނާއަށް 84.33 މާކްސް ލިބުނެވެ.

އެ ކޮމިޝަނަށް ކުރިމަތިލި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަލީ މުހައްމަދު މަނިކާއި އެންއައިސީގެ ކުރީގެ މެންބަރު ޔޫސުފް މާނިއު އަލީގެ އިތުރުން ޔޫއޭއީއަށް ކުރިން ކަނޑައެޅި ސަފީރު އައިޝަތު ސެހެނާޒަށް ވެސް މަދުވެގެން 75 މާކްސް ލިބުނެވެ. ކޮމިޝަނަށް އައްޔަން ކުރާނީ ކޮމިޓީ މަރުހަލާގައި މަދުވެގެން 75 މާކްސް ލިބޭ މީހަކަށެވެ.

އެންއައިސީގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެންބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ފަސް މެންބަރުން ހިމެނޭ އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރާނީ ފަސް އަހަރުގެ ދައުރަށެވެ.