މަޝްހޫރު ފެހުންތެރިޔާ މިރުފަތު ހަނީފް(ހަނީ) އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ހަނީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރަން މިދިޔަ ޖުލައި މަހުގެ ތެރޭގައި ހުކުމްކުރީ އޮކްޓޫބަރު 2012، ގައި ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ގެންގުޅެނިކޮށް ފެނުނު މައްސަލައިގަ އެވެ.
އެ މައްސަލަ ހަނީގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން މިއަދުވަނީ ބަލައިގެންފަ އެވެ.
އެ މައްސަލައިގައި ހަނީގެ އިތުރުން ކުރީގެ ފިލްމީތަރި އަހުމަދު އިޔާޒް(ދާސް) ގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ ދާސްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.
އެ ދެ މީހުންނާއި އިތުރު ބަޔަކު މަސްތުވާތަކެއްޗާ އެކު ގ. ކަމަދޫ ގެއިން ހައްޔަރުކޮށް، އެގެ ބަލައި ފާސް ކުރިއިރު 71،000 އަށް ވުރެ ގިނަ ރުފިޔާ ވެސް އެގެއިން ފެނިފައިވެ އެވެ. އެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބުނެ އެ ފައިސާ ދައުލަތަށް ނަގަން އަމުރުކޮށް ދޭން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެ ކޯޓުން ނިންމީ އެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ އެ ފައިސާތައް ދައުލަތަށް ނަގަން ކޯޓުން އަމުރު ނެރެދީފައެއް ނުވެއެވެ.