އެލައިޑް އިންޝުއަރެންސް

އެލައިޑްގެ އިންޝުއަރެންސް ކޮންގްރެސް ފަށައިފި

އެލައިޑް އިންޝުއަރެންސާއި އެމްއެމްއޭ ގުޅިގެން ބާއްވާ ފެޑެރޭޝަން އޮފް އެފްރޯ އޭޝިއަން އިންޝުއަރަސްގެ "ފެއާ މެޑިކަލް އިންޝުއަރެންސް އަދި ހެލްތް ކެއާ ކޮންގްރެސް" ފަށައިފި އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކޮންގްރެސް ފައްޓަވާ ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. ކޮންގްރެސް ފައްޓަވާ ދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެމްއެމްއޭއާ އެލައިޑުން އިސް ނަގައިގެން އިގްތިސޯދު ހަރުދަނާ ކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރަން މިފަދަ ފޯރަމެއް ބޭއްވުމަކީ އިންޝުއަރެންސް ދާއިރާ ތަރައްގީ ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

އިންޝުއަަރެންސް ދާއިރާގެ ގޮންޖެހުންތަކެއް އެބަހުރިކަމަށާއި މި ކޮންގްރެސް ސަބަބުން ރާއްޖޭގެ އިންޝުއަރެންސް ހިދުމަތް މިހާރަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދަން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެލައިޑުން ބުނީ މި ކޮންގްރެސް ބައިވެރިންނާއި ފެޑެރޭޝަން އޮފް އެފްރޯ އޭޝިއަން އިންޝުއަރަސްގެ އިސްވެރިންނާއެކު މައުޟޫއު ތަކަށް ބަހުސްކޮށް ހިޔާލު ބަދަލުކުރުމާއި އިންޝުއަރެންސް ދާއިރާ އިތުރަށް ތަރައްގީ ކުރަން މަޝްވަރާ ކުރާނެ ކަމަށެވެ.

މި ކޮންގްރެސްގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ ހެލްތް އިންޝުއަރެންސް ދާއިރާގެ އިސްވެރިން ބައިވެރިވި އެވެ. އަ ވޯލްޑް އޮފް އޮޕޮޗިއުނިޓީޒް" ގެ ނަމުގައި ބާއްވާ މި ކޮންގްރެސް އޮންނާނީ މާދަމާއާ ހަމައަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގަ އެވެ. މިއީ މި ކޮންގްރެސް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.