ލައިފްސްޓައިލް

ކާންވީ ކޮމްޕްލެކްސް ކާބްސް!

ހަށިގަނޑުގެ ބަރުދަން ލުއި ކުރަން އަޒުމެއް ކަނޑައަޅާ އެކަން ހާސިލު ކުރުމަށް މަސައްކަތް ކުރާއިރު ގަވާއިދުން ކަސްރަތު ކުރުމާއެކު ކެއުންވެސް ވަކި ގޮތަކަށް ބަހައްޓަން ޖެހެ އެވެ. މިގޮތުން ކާބޯތަކެތީގެ އެއް ގުރޫޕެއް ކަމުގައިވާ ކާބޯހައިޑްރޭޓްސް މަދު ކުރުމަކީ ބަރުދަން ލުއި ކުރުމަށް އެންމެ ގިނަ ފަހަރަށް ކުރާ ކަމެކެވެ. ކާބޯތަކެތީ އެއް ގުރޫޕް ކަމުގައިވާ ކާބޯހައިޑްރޭޓްސް އަކީ ހަށިގަނޑަށް ހަކަތަ ފޮނުވުމަށް އެންމެ ބޮޑު ދައުރު ކުޅޭ ކާނާ ހިމެނޭ ގުރޫޕެވެ.

ދިވެހިންގެ ކެއުން ބުއިމަށް ބަލާއިރު އާއްމުކޮށް ކާ ކާބޯހައިޑްރޭޓްސް ގެ ތެރޭގައި މި ހިމެނެނީ ރޮށި، ބަތް، ޕާން، ބަނަސް އަދި ބިސްކޯދު ފަދަ ތަކެއްޗެވެ. މި ތަކެތި ކާލުމުން ހަށިގަނޑުގެ ބްލަޑް ޝުގާ ވަރަށް އަވަހަށް މަތިކޮށްލައިދީ ހަށިގަނޑަށް ހަކަތަ އިތުރު ކޮށްދޭނެ އެވެ. އަދި ޑައެޓެއްގައި އުޅޭނަމަ މިތަކެތިން ދުރުވުމަށް ވަރަށް ގިނަ ފަހަރަށް މަސައްކަތް ކުރެއެވެ. ސަބަބކީ ހަށިގަނޑަށް އެއްފަހަރާ ގިނަ ކެލޮރީސްތަކެއް މިއިން ލިބޭތީ އެވެ. ހަށިގަނޑުން އަންދާ ކެލޮރީއަށް ވުރެ ކާބޯތަކެތިން އިތުރުވާ ކެލޮޮރީ ގިނަނަމަ ފެޓް ޑިޕޮސިޓްގެ ގޮތުގައި ހަށިގަނޑު އެތަން މިތާ މަސްޖަހާ ބަރުދަން އިތުރު ކުރެ އެވެ.

މިގޮތުން ބާގާ އެއް ކާނަމަ ބަނަސް ނުކައި، ނޫޑުލްސްގެ ބަދަލުގައި ޒުކިނީގައި ހަދާ "ޒޫޑުލްސް" އާއި ފުށުގެ ބަދަލުގައި ކޮލިފްލާވާ ބޭސްއެއްގައި ހަދާ ޕިއްޒާ ހިޔާރުކުރެ އެވެ. މިހިން މިކަންތައް ކުރަނީ ވިސްނިފައި އޮންނަ ގޮތުގައި ކާބޯހައިޑްރޭޓް އެއްވެސް ގޮތަކަށް ކައިގެން ނުވާނެ އެވެ.

ނަމަވެސް، ކާބޯހައިޑްރޭޓްގައި ވެސް "ގުޑްކާބްސް" ހިމެނެ އެވެ. ކޮމްޕްލެކްސް ކާބްސް ހަޖަމުވާން ގިނަ ވަގުތު ނަގަ އެވެ. އެހެން ކަމުން މި ފަދަ ކާބްސް ކެއުމުން ބަނޑުހައިވުން ލަހެވެ. އެއީ މިފަދަ ކާބްސްގައި ލޯންގްޗެއިން ޝުގާ މޮލެކިއުލްސް ހިމެނޭތީ ކުއްލިއަކަށް ހަށިގަނޑުގެ ބްލަޑް ޝުގާ މަތިކޮށެއް ނުދެ އެވެ.
.
ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދައިދޭ މައިގަނޑަކީ ކާބޯހައިޑްރޭޓް ކަމުގައިވާ އިރު ކާބޯހައިޑްރޭޓް އެއްކޮށް ޑައެޓުން ކަނޑާލުމަކީ އުނދަގޫ ވާނެ ކަމެކެވެ. އަބަދު ވަރުބަލިވެ، އެއްވެސް ކަމެއް ކުރާނެ ހިއްވަރެއް ނެތި މީހާ މާޔޫސް ވެދާނެ އެވެ. އެހެން ކަމުން މީގެ ބަދަލުގައި ސިމްޕަލް ކާބޯހައިޑްރޭޓާއި ދުރުވެ ކޮމްޕްލެކްސް ކާބްސް ހިޔާރު ކުރަންވީ އެވެ.

ކައްޓަލަ

ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ކައްޓަލައަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ބާވަތެކެވެ. ހާއްސަކޮށް ފިޓްވާން ބޭނުންވާ މީހުން ކާލަން ސަޅި އެއްޗެއްކެވެ. ފޮނިކަމެއް ހުންނަ ކައްޓަލަ އަކީ ފެނު ކައްކައިގެން، އަވަނުން ފިހެލައިގެން ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ކައްޓަލައި ފިހޭއިރު މިރުސްކޮޅެއް ލައިގެން ތައްޔާރު ކޮށްލާއިރު ތަފާތު މީރު ރަހެއް ގެނެެސް ދެއެވެ. ނިއުޓިރިޝަންގެ ގޮތުން ބަލާއިރު ކައްޓަލައިގައި ހިމެނޭ ހަކުރު ހަށިގަނޑަށް ފޮނުވަނީ ލަހުންނެވެ. މީގައި ވިޓަމިން ސީ އާއި ބީޓާ ކެރޮޓީން ހުރުމުގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ ބައެއް ކަހަލަ ކެންސަރުން ވެސް ދުރުކޮށް ދެއެވެ.

ޗިކްޕީ

ޗިކްޕީ ނުވަތަ އަހަރުމެން އާއްމުކޮށް މިކިޔާ ސަނާމުގަކީ ވެސް ޕްރޮޓީން މާއްދާ މަތި އަދި ކޮމްޕްލެކްސް ކާބެކެވެ. ކުޅިކޮށް ހަދާލައިގެން ކުކުޅާއި އެއްކޮށް ސެލެޑެއް ހަދައިގެން ވެސް އެއް ގަޑީގެ ކެއުމެއްގެ ގޮތުގައި ސަނާމުގު ހިމެނި ދާނެއެވެ.

ސަނާމުގަކީ އޭގައި ފައިބަރު މާއްދާ ގިނަ އެއްޗެކެވެ. އަދި މީގައި ހިމެނޭ ފައިބަރަކީ ސޮލިއުބަލް ފައިބާ ކަމުން ހިތުގެ ބަލިތަކުން ދުރުކޮށް ދިނުމަށް އެހީތެރިކޮށް ދެއެވެ. ސަނާމުގު ހާޢްސަވަނީ އޭގައި ހިމެނެނީ ރެސިސްޓަންޓް ސްޓާޗް ކަމުން ކާބޯހައިޑްރޭޓް ހަށިގަނޑުން އެންދުން ލަސްކޮށް ދެއެވެ. އަދި މިއީ ހަކުރުބަލި ހުންނަ މީހުން ކެއުމަށް ވެސް ވަރަށް ރަނގަޅު އެއްޗެއްކެވެ. ސަބަބަކީ މީހާގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅު ކޮށްދޭތީ އެވެ.

އޯޓްސް

އޯޓްސް އަކީ ހޯލްގްރެއިނެކެވެ. އެހެންކަމުން އޯޓްސްއިން ހަށިގަނޑަށް ބޭނުންވާ ވިޓަމިން، މިނަރަލް އަދި ފައިބާ މީގައި ގިނައިން އެކުލެވިގެންވާ އެއްޗެއްކެވެ. ހެނދުނު ހޭލައިގެން ކާލާ ރޮށި އަދި ޕާނުގެ ބަދަލުގައި އެންމެ ސަޅީ ރޭގަނޑު ތައްޔާރުކޮށް ބަހައްޓާ އޯވަނައިޓް އޯޓްސް ކާލުމެވެ. އޯޓްސްއަކީ ގިނަ ގޮތްގޮތަށް ފަސޭހައިން ކައްކާލެވޭ އެއްޗެއްކެވެ. ދިވެހި ރަހަތައް ވެސް ލައްވައިގެން ހެނދުނުގެ ނާސްތާއަށް އޯޓްސް ބޭނުން ކުރެވިދާނެ އެވެ. އަދި މިއީ ކޮލެސްޓްރޯލް އާއި ދުރުކޮށްދޭ އެއްޗެއްވެސްމެ އެވެ.

ކީންވާ

ކީންވާ އަކީ ސްޓާ ފްރައިޑް ރައީސް ގެ ބަދަލުގައި ސްޓާ ފްރައިޑް ކީންވާ އަޖުމަ ބަލާލަންވީ އެވެ. ކޮމްޕްލެކްސް ކާބެއް ކަމުގައިވާ ކީންވާއަކީ ތަފާތު ގިނަ ފައިދާތަކެއް ލިބޭ އެއްޗެއްކެވެ. މިގޮތުން މިއީ ގުލޫޓަން ފްރީ އެއްޗެއްކަމުން ރޮށިތައްޓެއް ކާލުމުން ހަށިގަނޑަށް ލިބޭ ލޮޑުކަމާއި ވަރުބަލިކަމުން ވެސް ދުރުވެއެވެ. ކީންވާއަކީ ސުޕަ ފުޑެކެވެ.