ފަޒްނާ އަހުމަދު

ނަފުސާނީ ބަލީގެ މީހުނަށް އެހީވުން އިތުރުވާން ފަށައިފި: ފަސްޓް ލޭޑީ

Jul 25, 2019

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރު ކުރަން މެންޓަލް ހެލްތް އެވެއާނެސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ "މެންޓަލް ހެލްތު ގެޕް ޓްރެއިނިން" ޕްރޮގްރާމް ނިންމުން ފަސްޓް ލޭޑީ ފަޒުނާ އަޙުމަދު ޝަރަފުވެރިކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު އައިޖީއެމްއެޗްގެ އޯކިޑް ކޮންފަރެންސް ހޯލްގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުނަށް އަޅާލާ، އެމީހުންގެ އިންސާނީ ހައްގުތައް ރައްކާތެރި ކުރަން މަސައްކަތް ކުރާމީހުން އިތުރުވަމުން އަންނަ އިޙްސާސް މިހާރު ކުރެއްވޭ ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނަފްސާނީ ބައްޔާމެދު މުޖްތަމައު ދެކޭ ގޮތް ބަދަލުވެ، ބޭސްފަރުވާގެ ޚިދުމަތް އަވަސްވެ ފެންވަރު ރަނގަޅުވެ، ފަރުވާ ހޯދުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މީހުން އަމަލުކުރާނެ ސުލޫކީ މިންގަނޑެއް އެކުލަވާލުމުގެ މަސައްކަތް، ކަމާބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ އެކަމަނާވަނީ އެފަދަ ސުލޫކީ މިންގަނޑެއް މިވަގުތު ގާއިމްކުރެވިފައި ނެތް ނަމަވެސް، ނަފުސާނީ ބަލި މީހުންނަށް ވީ އެންމެ ރަނގަޅަކަށް ފަރުވާދިނުމަށް ގޮވާލައްވާފަ އެވެ.