މިނިވަން ދުވަސް

މަންޓާ އެއާ މުވައްޒަފުންގެ ކޮލަށް ގައުމީ ކުލަ

Jul 26, 2019

މިނިވަން ދުވަހުގެ މުނާސަަބަތުގައި އެކި މީހުން ކުރަނީ އެކި ކަންކަމެވެ. އެއް ބަޔަކު ޝުއޫރު ފާޅުކޮށްލަން މެސެޖެއެއް ފޮނުވާލައިގެން ފުއްދާލަނީ އެވެ. އަނެއް ބަޔަކު ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހާލަނީ އެވެ. މިނިވަން ދުވަހު މަންޓާ އެއާގެ ޕްރަންޓް ލައިންގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފެއްގެ ކޮލުގައި ވެސް ގައުމީ ދިދައެކެވެ.

މަންޓާ އެއާއިން މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ފްލައިޓުގައި ހިދުމަތް ދޭ ކެބިން ކްރޫއިންގެ ކޮލުގައި ގައުމީ ދިދައެއް ކުރަހާފައިވެ އެވެ. އަދި ގްރައުންޑުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޮލުންވެސް ގައުމީ ކުލައެއް ނުފެނި ނުދާނެ އެވެ.

"މިއަދަކީ ގައުމަށް ހާއްސަ ދުވަހެއް. އެހެންވެ، އޮޕަރޭޝަންގައި އުޅޭ ހުރިހާ މުވައްޒަފުންނާއެކު މި ގޮތަށް ފާހަގަ ކޮށްލަން ނިންމީ،" މަންޓާ އެއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ދަތުރުތަށް ފެށި އެއާލައިން އިން މިހާރު ކުޑަހުވަދޫގެ އިތުރުން ދަރަވަންދޫ އަށް ވެސް ދަތުރުކުރެ އެވެ. މި ހުރިހާ މަންޒިލަކަށް މަންޓާއާއެކު މިއަދު އުދުހޭ މީހުންނަށް ފެނިގެން ދާނީ މުވައްޒަފުން މިނިވަން ދުވަސް ފާހަގަ ކުރުމުގެ ތަފާތު ގޮތެކެވެ.