ހަބަރު

ޖޭއެސްސީގެ ވަކީލުންގެ މެންބަރަކަށް މާނިއު އިންތިހާބުކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ފަރާތުން މެންބަރަކު ހޮވަން ބޭއްވި އިންތިހާބު އަބްދުލްމާނިއު ހުސައިން ކާމިޔާބުކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި އިންތިހާބުގައި މާނިއު އަށް 199 ލިބިވަޑައިގަތެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ އަލީ ރަޝީދެވެ. އޭނާ އަށް 124 ވޯޓު ލިބިވަޑައިގަތެވެ. މި އިންތިހާބުގައި ވާދަކުރެއްވި ހަނީފާ ހާލިދަށް 27 ލިބިވަޑައިގަތް އިރު ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް ލިބިވަޑައިގަތީ 37 ވޯޓެވެ.

މި އިންތިހާބުގައި މާލޭ އާއި އައްޑޫގައި ވޯޓު ފޮށިތައް ބަހައްޓާފައިވާއިރު ޖުމްލަ 404 ވަކީލަކު ވޯޓު ދެއްވާފައިވެ އެވެ.

މިއީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ވަކީލުން ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުގައި ބާ ކައުންސިލް އުފެދުނު ފަހުން އެ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އިންތިހާބެވެ.