ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލުކަން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގަބޫލު ކުރެއްވި މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމިޓީއަކުން ނިންމި ނިންމުމަށް ޖަމީލް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގެ ޖުޑިޝަރީ ކޮމެޓީން ބުނީ ވަކީލެއްގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނާއިރު ޑރ. ޖަމީލު ހަސްމެއްގެ ގޮތުގައި ހިމެނޭ މައްސަލައެއްގެ ފަނޑިޔާރަކާ މުއާމަލާތްކޮށް، އޭނާގެ ވަކީލުކަން ގަބޫލު ކުރުމަކީ ގާނޫނުގައި ބުނާ އަސާސްތަކާ ހިލާފު ކަމެއް ކަމަށެވެ. އެހެންވެ ބާ ކައުންސިލަށް ޖަމީލްގެ މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމަށް ފާޑު ވިދާޅުވަމުން ޖަމީލް ވަނީ ސިވިލްސާވެންޓުންނަށް މުޒާހަރާ ކުރުން މަނާކޮށް، ދީނީ އިލްމުވެރިންނަށް ނަސޭހަތް ދިނުން މަނާކޮށް އަދި ގާނޫނީ ވަކީލުންނަށް ވަކާލާތު ކޮށްދިނުން މަނާ ކުރަނީ ކޮން ކަމަކަށް ބިރުންތޯ ސުވާލު ކުރައްވާފަ އެވެ.
"ސިވިލްސާވަންޓުންނަށް މުޒާހަރާ ކުރުން މަނާ، ދީނީ އިލްމުވެރިންނަށް ނަސޭހަތް ދިނުން މަނާ، ވަކީލުން ވަކާލާތު ކޮށްދިނުން މަނާ. ހާދަ ބިރެއް ތިޔަ ގަންނަނީ؟ ބާ ކައުންސިލް ވެސް ޖުޑިޝަރީ ކޮމެޓީގެ ދަށައް ގެންދަން ވީނު. ފަސޭހަފުޅުވާނެ ނޫންތޯ؟" ޖަމީލް ވިދާޅުވިއެވެ.
ޖަމީލްގެ މައްސަލަ ބަލަން ޖޭއެސްސީގެ ކޮމެޓީއަކުން ނިންމާފައިވާއިރު، މިއީ ބާ ކައުންސިލަށް ހުށަހެޅުނު ވަކީލެއްގެ ފުރަތަމަ މައްސަލަ އެވެ.
ޖޭއެސްސީގެ މިއަދު ބުނީ ވަކީލުގެ މަސްލަހަތާއި މުވައްކިލްގެ މަސްލަހަތާ ފުށުއަރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.