ޑރ. އަހުމަދު އަބްދުﷲ ދީދީ

ބޭނުންހާ ގޮތަކަށް އުއްތަމަ ފަނޑިޔާރު އެއްލައިނުލެވޭނެ: ޖަމީލް

އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމަ ލަފުގައި ހިފައި އެއްލައިލެވޭނެ ބޭފުޅެއް ނޫން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމާފަ އެވެ.

ކުރިން ޖަސްޓިސް މިނިސްޓަރުކަމާއި، އިސް ގާޒީކަން ވެސް ކުރެއްވި ޑރ. ޖަމީލް ވިދާޅުވީ މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ގައި ގާނޫނުއަސާސީގެ ވެރިކަން ފެށުނުއިރަށް ވުރެ ގޯސް ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރަކީ ވަކި ކުރުމަށް ނިންމި ނިންމުމަކީ ގައިރު ދުސްތޫރީ އަމަލެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މިއަދު ނިންމާ ނިންމުމުގެ ހިތިކަން އެބަޔަކު އަދި ދެކޭނެ ކަމަށެވެ.

"މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ގައި ގާނޫނުއަސާސީގެ ވެރިކަން ފެށުނު އިރަށް ވުރެ ގޯސް. އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމަ ލަފުގައި ހިފައި އެއްލައިލެވޭ މަގާމެއް ނޫން. ތިޔައީ މުޅިން ގައިރު ދުސްތޫރީ އަމަލެއް. ތިޔަ އިލޮށިގަނޑު އަދި ލޮލަށް ހެރޭނެ." ޖަމީލް ވިދާޅުވި އެވެ.

މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ގައި ގާނޫނުއަސާސީގެ ވެރިކަން ފެށުނުއިރަށް ވުރެ ގޯސް. އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަގާމެއް ނޫން. ތިޔައީ މުޅިން ގައިރު ދުސްތޫރީ އަމަލެއް. ތިޔަ އިލޮށިގަނޑު އަދި ލޮލަށް ހެރޭނެ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ހުށަހަޅަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލްވުމެއްގައެވެ.

އެ ނިންމުން ހާމަކޮށް ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ސަސްޕެންޑްކުރީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ތަހުގީގު ކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

ޖޭއެސްސީއިން ބުނީ ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރިއިރު އެ ދެ ފަނޑިޔާރުންގެ ކިބައިގައި ފަނޑިޔާރެއްގެ ކިބަގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ފަނޑިޔާރެއްގެ ސުލޫކާ ނުގުޅޭ އަމަލުތަކެއް ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާތީ ކޮމިޝަނުން މިއަދު ނިންމީ އެ ދެ ބޭފުޅުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ކަމަށެވެ.

ގާނޫނުގައިވާ ގޮތުން ފަނޑިޔާރެއް ވަކި ކުރުމުގެ އިޖުރާއަތަކީ ޖޭއެސްސީއިން އެ ފަނޑިޔާރަކު ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅުމެވެ. ފަނޑިޔާރެއްގެ މަގާމު ގެއްލޭނީ ރައްޔިތުންގެ މަޖިލީހުން އޭނާއާ ދެކޮޅަށް ވޯޓު ދީފިނަމަ އެވެ.

ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލަމުން ދަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ. އެއީ ޖޭއެސްސީއިން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކުރި މައްސަލަތަކެވެ. އޭގެ 15 މައްސަލައެއް ޖޭއެސްސީއިން ތަހުގީގު ކުރި އެވެ.